މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.
އެގޮތުން މިއަދުގެ ލިޔުން މި ހާއްސަ ކޮށްލަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމެއް ކަމަށްވާ އިންޑޮނޭޝިއާއަށެވެ. ރާއްޖެއާ 4543 ކިލޯމީޓަރު ދުރުގައިވާ އިންޑޮނޭޝިއާ އަކީ މުސްލިމް ގައިމުކެވެ. ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިންޑޮނޭޝިއާގެ 87 ޕަސެންޓު މީހުންނަކީ މުސްލިމުންނެވެ. މަދުން ނަމަވެސް ރޯމަން ކެތޮލިކް އަދި ހިންދޫ މީހުންވެސް އެގައުމުގައި ދިރިއުޅެއެވެ.
އެގައުމުގެ ބާލީ އަކީ ދިވެހިންނަށް އާ ނަމަކަށް ނުވާއިރު މިއީ މިހާރަކަށް އައިސް ދިވެހިންވެސް ވަރަށް ގިނައިން ގޮސް އުޅޭ މަންޒިލެކެވެ. ނަމަވެސް މިފަދަ ހިތްގައިމު ދަތުރެއް ކުރާއިރު މި ލިޔުމުގައި ގެނެސްދޭ ތަންތަނަށް ޒިޔާރަތް ކޮށްލުމީ ޗުއްޓީ ހޭދަކޮށްލަން ކުރާ ދަތުރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެކަމެކެވެ. ބާލީ އަކީ ހަމައެކަނި ގުދުރަތީ ރީތިކަމާއި ހިތްގައިމު ގޮނޑުދޮށްތަކުގެ އިތުރުން ސަގާފީ މުއްސަނދިކަމުގެ ސަބަބުން އެހެން މަންޒިލްތަކާ ތަފާތުކޮށްދޭ ތަނަކަށްވާއިރު މި މަންޒިލުގައި ރިވެތި އާދަކާދަތަކާއި، ދީނީ އާދަކާދަތައް އެކުލެވިގެންވެއެވެ. ފައިސާގެ ގޮތުގައި އެމީހުން ބޭނުން ކުރަނީ އިންޑޮނޭޝިއަން ރުޕިއާއެވެ.
ބޮޑު މިނުގައި 5780 ކިލޯމީޓަރު ހުންނަ ބާލީގެ ޑެންޕަސަރު އެއާޕޯޓަށް އެއާ އޭޝީއާ ފަދަ އެއާލައިންތަކުން 200 އާއި 500 އެމެރިކާ ޑޮލަރުގެ އަގަކަށް ދަތުރު ކޮށްލެވެއެވެ. ނަމަވެސް އެކި ދުވަސް ވަރު ޓިކެޓްގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަމައެހެންމެ ދަތުރުކުރާއިރު ބަގޭޖް އުފުލުމަށް އިތުރު ކިލޯ ބޭނުންވާނަމަ އެ އިންތިޒާމުތައްވެސް އެއާލައިން ތަކުން ހަމަޖައްސާދެއެވެ. އަދި މެލޭޝިއާގެ ކުއާލާ ލަންޕޫރަށް ސްޓޮޕްއޯވާ ކޮށްފައި ދާނަމަ ޓިކެޓުގެ އަގު ހެވެވެ. އެކި ހޮޓަލުގެ އަގުތައް ތަފާތު ނަމަވެސް ހިތްގައިމު އެތައް ހޮޓަލާއި ވިލާ އަދި އެޕާޓްމަންޓްތައް މި ރަށުގައި ހުރެއެވެ. 100 ޑޮލަރުން ފެށިގެން ހޮޓަލުގެ އަގުތައް ހުރިއިރު ބަޖެޓް ދަތުރެއްގައިވެސް ބާލީއަކީ ގޮސްލަން ރަނގަޅު އަދި އެހާމެ ނަލަ މަންޒިލެކެވެ.
އުބުދު ޕެލެސް
އަތްތެރި މަސައްކަތާއި، ފެހި ކުލައިގެ ނަލަ ޖަންގަލިތަުގެ އިތުރުން ހަނޑޫ ދަނޑުތަކާއި ހިންދޫންގެ ގެފުޅުތައް ރަމްޒު ކޮށްދޭ އުބުދު ޕެލެސްއަކީ ބަލައިލަން އެހާމެ ހިތްގައިމު މަންޒިލެކެވެ. 1640 ވަނަ އަހަރު ހަދާފައިވާ އުބުދު ޕެލަސް އަކީ 1917 ވަނަ އަހަރު އައި ބިންހެލުމުގައި ވެއްޓުނު އިމާރާތެކެވެ. ނަމަވެސް އެ ސަރަހައްދުގެ ފަތުރުވެރިކަން ހަރުދަނާ ކުރުމަށް 1928 ވަނަ އަހަރު އެ ބިނާ އަލުން އިމާރާތް ކުރިއެވެ. މިއީ އިންޑޮނޭޝިއާގެ ތާރީހު ބަލާލުމުގެ އިތުރުން ރީތި ފޮޓޯތަކެއް ނަގާލުމަށް ގޮސްލަން ރަނގަޅު ތަނެކެވެ. އެތަނުގައި ފޮޓޯ ނަގާލުމަށް ނަލަ އުނދޯއްޔެއް އެލުވާފައިވާއިރު އިތުރު އުނދޯލިތައް ބާލީގެ އެކި ސަރަހައްދުގައި އެލުވާފައި ވެއެވެ. އޭގެ ތެރެއިންވެސް 'ބާލީ ސްވިންގް' ފާހަގަކޮށްލެވެއެވެ. މިއީ އުބުދު ސެންޓަރުން އުޅަނދެއްގައި 20 މިނެޓުގެ ދަތުރެއްގައި ދެވޭނެ މަންޒިލެކެވެ.
ވޯޓާބޮމް ބާލީ
މީގެ 28 އަހަރު ކުރިން ބާލީގައި ހުޅުވި 'ވޯޓާބޮމް ބާލީ' އަކީ އެންމެ ފުރަތަމަ އެ ގައުމުގައި ހުޅުވުނު ވޯޓާ ޕާކެވެ. ކުޓާ ސިޓީގައި ހުންނަ މި ބޮޑު ބިޔަ ވޯޓާ ޕާކަކީ އާއިލާއާއެކު ދަރުކުރާނަމަ ތުއްތު ކުދިންނަށް އުފާވެރި ވަގުތުތަކެއް ހޯދާ ދިނުމަށް އެންމެ ރަނގަޅު އެއް މަންޒިލެވެ. 3.8 ހެކްޓަރުގެ މި ޕޫލު ސަރަހައްދުގައި އެކި އެކި ރެސްޓޯރެންޓްތައް ހިންގަމުންދެއެވެ. ޕޫލަށް ވަންނަން ކުޑަކުދިންނާއި ބޮޑެތި މީހުންގެ އިތުރުން އާއިލާތަކަށް ހާއްސަ ޓިކެޓް ޕެކޭޖްތަކެއް ވަނީ އެކުލަވާލާފައެވެ. އޮންލައިންކޮށް ނޫންނަމަ އެ ސަރަހައްދަށް ގޮސްވެސް ޓިކެޓު ނެގޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައިވެއެވެ.
ލެމްޕުޔާންގް ޓެމްޕަލް
މީލާދީން 11 ވަނަ ގަރުނުގައި އެމްޕޫ ކުޓޫރަން ރަސްގެފާނު، އުދާޔާނާއި އޭނާގެ ރާނީ ބާލީގައި ވެރިކަން ކުރެއްވުމަށް ވަޑައިގަތުމުން އުފެއްދި މި ފައްޅިއަކީ ބާލީއަށްދާ ފަތުރުވެރިންގެ މެދުގައި ވަރަށް އާންމު މަންޒިލެކެވެ. އެއާއެކު މިތަނުގައި ފޮޓޯ ނެގުމަށް ހޭދަވާ ވަގުތު ގިނަ ނަމަވެސް ބާލީއަށް ދަތުރު ކުރާއިރު މިއީ ގޮސްލަން އެއްވަނައިގެ މަންޒިލެކެވެ. އަދި މިތަނަށް ޒިޔާރަތް ކުރާނަމަ މޫސުން ރަނގަޅު ދުވަހަކަށް ދުރާލާ ބެލުމަކީ މުހިންމު ކަމެއް ކަމަށް މީގެ ކުރިން ބާލީއަށް ދަތުރު ކުރި ފަރާތްތަކުން ބުނެއެވެ.
އުލުވާޓު
އުލުވާޓޫ އަކީ އިންޑޮނޭޝިއާގެ ބާލީގެ ބުކިތު ޕެނިންސިއުލާގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ސަރަހައްދެކެވެ. މިއީ ޕޫރާ ލުހުރު އުލުވަޓޫ ޓެމްޕަލް ހުންނަ ތަންވެސްމެއެވެ. ހިތްގައިމު ގޮނޑުދޮށެއްގެ އިތުރުން ރީތި އިރުއަރާ މަންޒަރު ބަލާލަން ބޭނުންނަމަ މިއީ ވަރަށްވެސް ރަނގަޅު މަންޒިލެކެވެ.
މި ލިޔުމުގައި ހިމަނާލާފައިވާ ތަންތަނުގެ އިތުރުންވެސް ބާލީގައި ހިތްގައިމުކަމުން ފުރިގެންވާ އެތައް މަންޒިލެއް ވެއެވެ. މިއީ ފަތުރުވެރިންގެ ނަޒަރުގައި އެ ރަށުގެ އެންމެ ނަލަ ސަރަހައްދުތައް ކަމަށްވާއިރު ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން އާއިލާއާއެކު މަޖާ ވަގުތުތަކެއް ހޭދަކޮށްލަން ބޭނުންނަމަ ބާލީ އަކީ އެކަމަށް އެންމެ އެކަށޭނެ މަންޒިލަކަށްވާނެއެވެ.