ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު ޑިމޮކްރަސީ، އިންޑޮނީޝިއާގައި ބުދަދުވަހު އޮންނަ އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ހޯދަން ކެންޑިޑޭޓުން ކިޑްނީ ވިއްކަން ދަނީ މަސައްކަތް ކުރަމުންނެވެ.

ލޯކަލް ކައުންސިލްތަކާއި ޕްރޮވިންސްތަކާއި ރީޖަންތަކުގެ ގޮނޑިތަކުގެ އިތުރުން މަޖިލީހާ އެކު ޖުމްލަ 20،614 ގޮނޑިއަށް 258،000 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

ގޮނޑިތައް ބެހިފައި ވާ ގޮތް؛

  • ރައީސް: 1
  • މަޖިލީހުގެ ތިރި ގެ: 580
  • ރީޖަނަލް ކައުންސިލް: 152
  • މަޖިލީސް ތަމްސީލް ކުރާ ޕްރިވިންސްގެ ގޮނޑިތައް: 2372
  • ލޯކަލް ކައުންސިލް: 17،510

ޖުމްލަ 204.8 މިލިއަން މީހުންނަށް ވޯޓު ލެވޭ މި އިންތިހާބަކީ 1 ދުވަސް ތެރޭގައި ވޯޓުލައި ނިންމަން ޖެހޭގޮތަށް ބާއްވާ މިފަދަ އެންމެ ބޮޑު އިންތިހާބަށް ވާއިރު ވޯޓުލާން ލިބޭ ޖުމްލަ ވަގުތަކީ 6 ގަޑިއިރެވެ.

އިންތިހާބާ ގުޅޭ ބައެއް ތަފާސް ހިސާބު؛

  • ޕާޓީތަކުގެ އަދަދު: 18
  • ރަޖިސްޓާ ކުރި ކެންޑިޑޭޓުންގެ އަދަދު: 258،602
  • ވޯޓު ލެވޭ އެންމެ ދަށް އުމުރު: 17
  • ގައުމުން ބޭރުގައި ތިބި ވޯޓުލެވޭ މީހުންގެ އަދަދު: 1.7 މިލިއަން
  • ވޯޓުލާން ޖާވާއިން އެކަނި ރަޖިސްޓްރީ ކުރި އަދަދު: 115.4 މިލިއަން
  • މަޖިލީހުގެ ތިރި ގޭގެ ގޮނޑީގެ އަދަދު: 580
  • ކޮރަޕްޝަންގެ ތުހުމަތުވާ ކެންޑިޑޭޓުންގެ އަދަދު: 58

މިހާތަނަށް ބޭއްވި 4 ރިޔާސީ އިންތިހާބުގެ ތެރެއިން 3 އިންތިހާބު ކާމިޔާބު ކުރި ޕްރަބާވޯ ސްބިއާންޓޯ ވެސް ކުރިމަރި ލައްވާ މި އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް ވަގުތު ކުޑަތަން ވެފައި ވާ އިރު، ގިނަ ކެންޑިޑޭޓުން ގެންދަނީ 1 ކިޑްނީ ވިއްކާލައިގެންވެސް ކެމްޕެއިނަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން 47 އަހަރުގެ އެރްފިން ދެވީ ސުދާންޓޯ ބުނީ އޭނާ އިންތިހާބުގައި ވާދަ ކުރި ނަމަވެސް މާލީ ދަތިތަކާ ހުރެ ކެމްޕެއިނަށް ބޭނުންވާ ފައިސާ ނެތް ކަމަށާއި އެހެން ކަމުން 1 ކިޑްނީ ވިއްކާލަން މަސަައްކަތް ކުރާ ކަމަށެވެ. އެގޮތުން ކިޑްނީ ވިއްކާލައިގެން 20،000 އެމެރިކާ ޑޮލަރު ލިބޭނެ ކަމަށާއި އެއީ ކެމްޕެއިނަށް ފުދޭވަރުގެ މިންވަރަކަށް ވާނެ ކަމަށެވެ.

"އަހަރެން ސީރިއަސް، މިއީ ތޯތޯ ވާހަކައެއް ނޫން، ވިއްކާނެ އެހެން އެއްޗެއް ނެތް، ގެދޮރެއް ނެތް، ފައިސާ ހޯދަން ހަމައެކަނި އޮތް ގޮތަކީ ކިޑްނީ ވިއްކާލުން"
އެރްފިން

އިންޑޮނިޝިއާގައި އޮންނަ ގޮތުން ޕާޓީއެއް ތަމްސީލު ކުރާ ކެންޑިޑޭޓެއް ނަމަ ބައެއް ކަހަލަ ލޮޖިސްޓިކް ކަންކަމަށް ޕާޓީން މާލީ އެހީތެރިކަން ދިނަސް ކެމްޕެއިނަށް ބޭނުންވާ ފައިސާ ހޯދަން ޖެހެނީ އެމީހަކު އަމިއްލައަށެވެ. އެރްފިން ބުނާގޮތުން އޭނާގެ ކެމްޕެއިނަށް ޖުމްލަ 50،000 އެއްހާ ޑޮލަރު ބޭނުންވާ އިރު އޭގެ ތެރެއިން ބޮޑުބަޔަކީ ވޯޓު ދޭ މީހުންނަށް "ޓިޕްސް" ދޭން ހަރަދުވާނެ އަދަދު ކަމަށް ބުނެއެވެ.

އިންޑޮނީޝިއާގައި ކެމްޕެއިން ހަރަކާތް ހިންގަނީ - ބައެއް މީހުން ކާބޯތަކެތި ބަހާ ހަދާ

އިންޑޮނީޝިއާގައި ވޯޓު ގަތުމަކީ ގާނޫނީ ކުށެކެވެ. އަދަބެއްގެ ގޮތުން 3000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެއެވެ. އެހެން ކަމުން 'ވޯޓު ގަތުން' ބޭނުން ކުރުމުގެ ބަދަލުގައި ކެންޑިޑޭޓުން ބޭނުން ކުރާ ބަހަކީ "ޓިޕްސް' ދިނުމެވެ.

"އަހަރެން ބޭނުމެއް ނޫން ވޯޓު ގަންނާކަށް، ނަމަވެސް އެއީ އިންޑޮނިޝިއާގައި މޫލާފައި އޮތް ކަމެއް، ބޮލަކަށް 50،000 އާއި 100،000 ރުޕިއާ [3 ޑޮލަރާއި 7 ޑޮލަރާ ދެމެދު] ހަރަދު ކޮށްގެން ވޯޓު ލިބޭ"
އެރްފިން

އިންޑޮނީޝިއާގައި ވޯޓު ހޯދަން "ޓިޕްސް" ގެ ގޮތުގައި ކާއެއްޗެހިވެސް ބަހައެވެ. އެގޮތުން ހަނޑުލާއި، ކުކިން އޮއިލް ފަދަ ތަކެއްޗަކީ އާންމުކޮށް ބަހާ ތަކެއްޗެވެ.

ބައެއް ކެންޑިޑޭޓުން ބުނާ ގޮތުގައި، ދިރިއުޅުން ހަމަޖައްސާ މާލީ ފަސޭހަތައް ހޯދަން ހަމައެކަނި އޮތް ގޮތަކީ ކޮންމެ ގޮތެއް ހަދާފައިވެސް އިންތިހާބު ކާމިޔާބު ކުރުމެވެ. އެމަގަށް މަސައްކަތް ކުރުމަށްޓަކައި ހުރަސް ނުކުރާނެ އެއްވެސް އޮޅިއެއް ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ބައެއް ކެންޑިޑޭޓުން ބުނެއެވެ.