ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިރޭ އިންގްލޭންޑާއި އީރާނު ވާދަކުރި މެޗު ފަސޭހަ ކަމާއެކު އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ. މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގަތަރަށް އައި އިންގްލޭންޑުން އީރާނު ބަލިކުރީ 6-2 އަކުންނެވެ. މެޗުގެ ފުރަތަމަ ދިހަ މިނެޓްގެ ތެރޭގައި ދެ ޓީމުން ވެސް ވަރުގަދަ ކުޅުމެއް ދެއްކި އިރު މާ ގިނަ ހަމަލާތަކެއް ފެނިފައެއް ނުވެއެވެ.
މެޗުގެ 15 ވަނަ މިނެޓް ހިސާބުގައި އީރާނުގެ ޑިފެންޑަރަކާއި އެޓީމުގެ ކީޕަރު ޖެހި ކީޕަރަށް އަނިޔާވެ ގިނަ ވަގުތު ފަރުވާ ދޭން ޖެހުމުން 15 ވަރަކަށް މިނެޓަށް ކުޅުން ހުއްޓާލާފައި އޮތެވެ. އަދި އީރާނުން ކީޕަރު ބަދަލުކުރި އިރު އިންގްލޭންޑުން ވަނީ މެޗުގެ 35 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ޖޫޑް ބެލިންގްހަމްއެވެ. ލޫކް ޝޯގެ މޮޅު ހުރަހަކުން ބެލިންގްހެމް ޖެހި މިލަނޑަކީ އޭނާ އިންގްލޭންޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މިއަށް ފަހު މެޗުގައި ދެން ވެސް ލަނޑު ޖެހީ އިންގްލޭންޑުންނެވެ. ލިބުނު ކޯނަރަކުން މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ދެއްކި ބުކާޔޯ ސާކާއެވެ. ދެވަނަ ހާފް ނިމުމުގެ ކުރިން އިންގްލޭންޑުން ވަނީ އިތުރު ލަނޑެއް ޖަހާ ސްކޯ 3-0 އަކަށް ހަދާފައެވެ. ކެޕްޓަން ހެރީ ކޭންގެ ހުރަހަކުން މެޗުގެ 46 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޗެލްސީގެ ފޯވަޑް ރަހީމް ސްޓާލިންގެވެ.
ދެވަނަ ހާފްގައި ވެސް އިންގްލޭންޑުން ވަރުގަދަ ކުޅުމެއް ދެއްކި އިރު މެޗުގެ 62 ވަނަ މިނެޓްގައި އިންގްލޭންޑްގެ ސާކާ ވަނީ އަނެއްކާވެސް ލަނޑެއް ޖަހާފައެވެ. މިއީ އޭނާ މިމެޗުގައި ޖެހި ދެވަނަ ލަނޑެވެ.
އޭނގެ ތިން މިނެޓް ފަހުން އީރާނުން ވަނީ ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. މިގޮތުން މިލަނޑު އެޓީމަށް ޖަހާ ދިނީ މެހްދީ ތެރާމީއެވެ.
އިންގްލޭންޑްގެ 5 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް މާކަސް ރަޝްފޯޑެވެ. ދެވަނަ ހާފްގައި ކުޅެން އެރި ޖެކް ގްރީލިޝްވެސް ވަނީ ލަނޑެއް ޖަހާފައެވެ.
މެޗު ނިމެންދަނިކޮށް އީރާނަށް ޕެނަލްޓީއެއް ލިބުނު އިރު މި ޕެނަލްޓީއިން ލަނޑެއް ޖަހާ އެޓީމުން ވަނީ ސްކޯ 6-2 އަކަށް ހަދާފައެވެ.
ގްރޫޕް ބީގެ ފުރަތަމަ މެޗުން މޮޅުވެ އިންގްލޭންޑް މިވަނީ ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ކުރިއަށް އަރާފައެވެ. އިންގްލޭންޑް ދެން ކުޅެން ޖެހޭނީ އެމެރިކާއާއެވެ. އީރާނު ދެން ކުޅޭނީ ވެލްސްއާއެވެ.
މި ގްރޫޕްގެ ދެވަނަ މެޗުގައި މިރޭ ވެލްސްއާއި އެމެރިކާ ބައްދަލުކުރާ އިރު މިމެޗު އޮންނަނީ ރާއްޖެ ގަޑިން 12 ޖަހާ އިރުއެވެ.