ސީޔާސީ ވާހަކަ ނުދައްްކަވާ ޑޮލަރު ހުރި ވަރު ހާމަ ކުރުމަށް ގޮވާލައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ރައްދު ދެއްވައިފިއެވެ.

އީވާ ރައްދު ދެއްވާފައި ވަނީ މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާ ސައި ގަޑިއަށް މެދުކަނޑާލެއްވުމުގެ ކުރިން ނަޝީދު ދެއްކެވި ވާހަކަފުޅަށް މިނިސްޓަރު އަމީރު ރައްދު ދެއްވާ ޓްވީޓެއް ކުރެއްވުމުންނެވެ. އަމީރު ވިދާޅުވީ، ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއް ނޫން ކަމަށާއި އެކި ފަރާތްތަކުން އެ ވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާ އެކު ވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ. ކޮވިޑުންވެސް އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިގްތިޯދުތަކުގައި ރާއްޖެ ހިމެނޭ ކަމަށާއި 2020 ވަނަ އަހަރު ކޮވިޑާ ކުރިމަތިލީ, މިއަދު މިތިބި ހާލަތަށްވުރެ މާ ދަތި, ގޮންޖެހުންތައް ބޮޑު ހާލަތަކާ އެކުގައި ކަމަށެވެ.

އަދި މި ދަނޑިވަޅުގައި އިގްތިސޯދާ މެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް ކަމަށާއި ރާއްޖޭގެ އިގްތިސޯދީ ކުރިމަގު އޮތީ ފަހިކޮށް ކަމަށް އަމީރު ވިދާޅުވެފައި ވެއެވެ.

އަމީރަށް ރައްދު ދެއްވައި އީވާ ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުން ފިލާނީ ހިސާބު އަކުރުން ތެދަށް މައުލޫމާތުތައް ސާފުކޮށް ދެއްވީމައި ކަމަށާއި އަމީރުގެ ސިޔާސީ ވާހަކަތަކަކުން ނޫން ކަމަށެވެ. އަސާސީ ކަންކަމަށް ބޭނުންވާ ޑޮލަރު ހުރި މިންވަރު ސާފުކޮށް ދެއްވުމަށް އީވާ ވަނީ ގޮވާލައްވާފައެވެ.

ދައުލަތުގެ ރިޒާވާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މިއަދު މަޖިލޫހުގައި ރައީސް ނަޝީދު ވިދާޅުވީ، ސްރީލަންކާގެ ސަރުކާރާއި ގާނާގެ ސަރުކާރާ އެކީ ދާދިފަހުން މަސައްކަތް ކުރެއްވިއިރު، އެ ދެ ގައުމު ވެސް ބަނގުރޫޓުވުމާ ހިސާބަށް ގޮސްފައިވާ މަންޒަރު ފެނިވަޑައިގެންފައިވާ ކަމަށެވެ. އެ މަގަށް ރާއްޖެ ވެސް ދާ ކަމަށާއި އެ ހާލަތުގައި މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވައިފި ނަމަ، އެއީ ލަދުވެތިވެވަޑައިގަންނަވަން ޖެހޭ ކަމެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.