ވޯލްޑްކަޕް 2022 ގަތަރުގައި މިރޭ ފެށި އިރު މުބާރާތް ހުޅުވުމަށް ކުޅުނު މެޗުގައިި ގަތަރު ބަލިކޮށް އެކުއަޑޯ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ކުރިން ގަތަރުގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް ރެފްރީގެ ކަށިގަނޑާއެކު ވެސް ފެނުނީ އެކުއަޑޯގެ ވަރުގަދަ ހަމަލާތަކެވެ. އަދި ގަތަރުގެ ކީޕަރުގެ ސާދް އަލް ޝީބްގެ ފަރާތުން ފެންނަމުން ދިޔަ ބަލިކަށި ކުޅުމުގެ ސަބަބުން އެކުއަޑޯއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ އިރު މެޗުގެ 3 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން އެޓީމުން ލީޑު ނެގިއެވެ.
އެހެން ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ވަނީ މި ލަނޑަކީ އޮފްސައިޑެއް ކަމަށް ބަލާ އެލަނޑު ކެންސަލްކޮށްފައެވެ. މިލަނޑު ކެންސަލް ކުރި ނަމަވެސް މެޗުގެ 16 ވަނަ މިނެޓްގައި އެކުއަޑޯއިން ވަނީ ލަނޑެއް ޖަހާފައެވެ. މިލަނޑަކީ ގަތަރުގެ ކީޕަރު އަލް ޝީބް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އެކުއަޑޯއިން ޖެހި ލަނޑެކެވެ.
މިލަނޑު އެކުއަޑޯއަށް ކާމިޔާބުކޮށް ދިނީ ތަޖުރިބާކާރު ފޯވަޑް އެޑާ ވެލެންސީއާއެވެ. މެޗުގައި ދެން ވެސް ލަނޑެއް ޖެހީ އެކުއަޑޯއަށް ވެލެންސިއާއެވެ. މިލަނޑަކީ މެޗުގެ 31 ވަނަ މިނެޓްގައި އެކުއަޑޯގެ ވާތް ފަރާތުން ނަގާ ދިން ހިތް ގައިމު ހުރަހަކުން ވެލެންސިއާ ބޮލުން ޖެހި ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފްގައި ގަތަރުން ޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް ނުރައްކާތެރި ހަމަލާތައް އުފެއްދީ އެކުއަޑޯއިންނެވެ. އަދި 2-0 އަކުން މެޗު ނިމުނު އިރު ގަތަރު ވެގެން މިދިޔައީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް މުބާރާތް ހުޅުވާ މެޗުން ބަލިވި ފުރަތަމަ ހޯސްޓް ކަންޓްރީއަށެވެ.
މުބާރާތުގައި ދެން ގަތަރުން ކުޅޭނީ އެފްރިކާގެ ޗެމްޕިއަން ސެނެގާލާއެވެ. އަންނަ ހުކުރު ދުވަހު މި މެޗު އޮންނަ އިރު އެކުއަޑޯ ދެން ވާދަކުރަން ޖެހޭނީ ނެދެލޭންޑްސްއާއެވެ.