ގަތަރު 2022 ގެ ގްރޫޕް އެޗްގައި ހިމެނެނީ ޕޯޗުގަލް، ދެކުނު ކޮރެއާ، އުރުގުއޭ އަދި ގާނާއެވެ.
ޕޯޗުގަލް
މުބާރާތުގެ ކުރިން ޕޯޗުގަލްގެ ފޯމާއި ސްކޮޑަށް ވުރެ ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ހުއްޓިފައި ވަނީ ކެޕްޓަން އަދި ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. މުބާރާތަށް ދެތިން ދުވަސްވެފައިވަނިކޮށް ޕިޔާސް މޯގަންއަށް ރޮނާލްޑޯ ދިން އިންޓަވިއުގެ ސަބަބުން އޭނާ މިހާރު ކުޅޭ މެންޗެސްޓާ ޔުނައިޓެޑުން ކޮންޓްރެކްޓް ބާތިލްކުރާނެ ކަމަށް ބެލެވޭ އިރު ގަތަރު 2022 ގައި އިތުރު ސުރުހީތަކަށް އަރާލާނެ ފުރުސަތު ރޮނާލްޑޯއަށް ލިބޭނެ ކަން ޔަގީނެވެ.
މީގެ ކުރިން އޭނާ ކުޅުނު 4 ވޯލްޑްކަޕްގައި ވެސް ރޮނާލްޑޯ ލަނޑު ޖަހާފައިވާ އިރު މިއަހަރުގެ މުބާރާތުގައި ރޮނާލްޑޯ އަށް ލަނޑެއް ޖެހިއްޖެނަމަ ވާނީ އޭނާ ވަނީ ވޯލްޑްކަޕްގެ ތާރިހުގައި ވެސް ފަސް މުބާރާތުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ދެކުނު ކޮރެއާ
2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކަށްވީ ދެކުނު ކޮރެއާއިން 2-0 އަކުން ގަދަ ފަދަ ޖާމަނީ ބަލިކޮށް މުބާރާތުން ކަޓުވާލުމެވެ. ވޯލްޑްކަޕް މުބާރާތްތަކުގައި އޭޝިޔާގެ ޓީމުތަކަށް މާ ރަނގަޅު ކާމިޔާބީތައް ނުލިބުނު ނަމަވެސް އެނަތީޖާއަކީ މުޅި އޭޝިޔާ ބައްރުވެސް ފަހުރުވެރިކޮށްލި ނަތީޖާއެކެވެ.
މިފަހަރު ވެސް ސައުތް އޭޝިޔާގެ އަމާޒު ހުރީ މިފަދަ ހައިރާންކުރުވަނިވި ނަތީޖާއެއް ނެރުމަށެވެ. ހާއްސަކޮށް އެޓީމުގެ ފޯވަޑް އަދި ޓޮޓެންހަމް އަށް ކުޅޭ ހިއުންގްމިން ސަން މުބާރާތާއި ކައިރިކޮށް ލޮލުގެ އޮޕަރޭޝަނެއް ކުރި ނަމަވެސް ގައުމީ ޓީމާއެކު ގަތަރަށް ގޮސްފައިވާތީ ސައުތް އޭޝިޔާ އޮތީ އުއްމީދުން ފުރިފައެވެ.
އުރުގުއޭ
1930 ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވި ވޯލްޑްކަޕް މުބާރާތް ކާމިޔާބުކުރި އުރުގުއޭއަކީ މިމުބާރާތުގައި މުއްސަނދި ތާރީހެއް އޮންނަ ގައުމެކެވެ.
އެގައުމުން އެންމެ ފަހުން ވޯލްޑްކަޕްގައި ކުޅުނު 8 މެޗުގެ ތެރެއިން 6 މެޗުން އެގައުމު މޮޅުވެފައިވާ އިރު އެގައުމުން އެންމެ ފަހުން މުބާރާތުގައި ބައިވެރިވި 7 ފަހަރުގެ ތެރެއިން 5 ފަހަރު ވަނީ މުބާރާތުގެ އަނެއް ބުރަށް ދަތުރުކޮށްފައެވެ.
ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން އަދި ހުނަރުވެރި ކުޅުންތެރިން ގޮވައިގެން އުރުގުއާއިން ގަތަރަށް ގޮސްފައިވާ އިރު ކުރީގެ ލިވަޕޫލްގެ ފޯވަޑް ލުއިސް ސުއަރޭޒް އަދި މިހާރުގެ ލިވަޕޫލްގެ ފޯވަޑް ޑާވިން ނުއިނޭޒްގެ ކޮމްބިނޭޝަން ބަލާލަން ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.
ގާނާ
މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުން ފެނިފައިވާ ގާނާ 2018 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައި ނުވެއެވެ. އަދި މިދިޔަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ގެ ގްރޫޕް ސްޓޭޖުން ވެސް ގާނާ ކެޓި އިރު ގަތަރު 2022 އަށް ކޮލިފައިވާނެ ކަމުގެ އުއްމީދުވެސް ކުޑަވިއެވެ.
އެހެން ނަމަވެސް އެފްރިކާގެ ގިނަ ގައުމުތައް ފަދައިން ގާނާއިން ވެސް ވަނީ ގައުމީ ޓީމު ޔޫރަޕްގެ ކޯޗުންނާއި ހަވާލުކުރުމުގެ ސަގާފަތް ދޫކޮށްލާ ގާނާގެ ކުރީގެ ކުޅުންތެރިޔާ އޮޓޯ އޮއްޑޯއަށް ޓީމު ހަވާލުކޮށްފައެވެ. ނަތީޖާ ވަރަށް ރަނގަޅެވެ. ކުއަލިފިންގްގެ ޕްލޭ އޮފްގައި ނައިޖީރިއާ ބަލިކޮށް ގާނާއިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.