މަސްތުވާތަކެތި ވިޔާފާރި ކުރާ ކަމަށް މައުލޫމާތު ލިބިގެން ފާސްކުރި އިރު ގިފިލިތެރޭ ބިންމަތީ ވަޅުލާފައި ހުރި މަސްތުވާތަކެތި ފެނުނު މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމައި ރ. މަޑުއްވަރީ، އަހްރާމް، އިބްރާހިމް ޖަޒްލާން އަހްމަދު އުމުރަށް ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް އާންމު ފަރާތަކުން މަޑުއްވަރީ ޕޮލިސްސްޓޭޝަން އަށް ދީފައިވާ މައުލޫމާތަކާ ގުޅިގެން، މެއި 13، 2018 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ރ. މަޑުއްވަރީ، ނޫޙިޔާގެ ފުލުހުން ވަނީ ޖަޒްލާންގެ ހާޒިރުގައި ބަލައި ފާސްކޮށްފައެވެ.
އެ ގޮތުން އެގޭގައި ދިރިއުޅޭ އަންހެނަކު ނިދާ ކޮޓަރީގައި ހަދާފައި ހުރި ގިފިލީގެ ހުޅަނގު އުތުރު ކަނުގެ ބިންމަތީގައި ވަޅުލާފައި އޮތް ހުދު ރަބަރު ކޮތަޅެއްގެ ތެރެއިން ވަނީ 0.7813 ގްރާމްގެ ޑައިމޯފިން ހުރި 7 ރަބަރު ޕެކެޓް ފެނިފައި ކަމަށާއި ހަމައެ ކޮތަޅު ތެރެއިން 1.1226 ގްރާމްގެ ޑައިމޯފިން ހުރި 10 ޕެކެޓެއް ވެސް ވަނީ ފެނިފައެވެ. މީގެ އިތުރުން އެ ގިފިލިތެރެއިން ބިންމަތީގައި ވަޅުލާފައި އޮތް އިތުރު ކޮތަޅެއް ފެނިފައިވާ ކަމަށާއި އެ ކޮތަޅުތެރެއިން ރަބަރު ފެކެޓެއްގައި ހުރި 4.8712 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ. އެގޮތުން ޖުމްލަ 6.7751 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ.
މި މައްސަލައިގައި ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ބަޔާން ދެމުން ޖަޒްލާން ބުނެފައި ވަނީ މަޑުއްވަރީ ނޫހިޔާގެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ކަމަށެވެ. އަދި އެ ތަކެތި ބަހައްތާފައި ވަނީ އެ ރަށު މަޝްރޫރާގެ ޝާފިއީ ހަސަން ވިއްކުމަށް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އަދި މަސްތުވާތެކެތި ވިއްކަން އޭނާ ބޭނުން ނުވާ ކަމަށް ޝާފިއީ ގާތުގައި ބުނުމުން ސަމީރު ކިޔާ މީހަކު ފޮނުވައި އެގޭގައި ބަހައްޓަފައި ހުރި މަސްތުވާތަކެތިން ބައެއް ގެންދިޔަ ކަމަށް ޖަޒްލާން ވަނީ ބުނެފައެވެ.
މި މައްސަލައިގައި މަސްތުވާތަކެތި ފެނިފައި ވަނީ، ޖަޒްލާންގެ ހިޔާޒަތުގެ ދަށުން ނޫންކަމަށާއި ކޮންމެ މީހަކަށް ވެސް އެތަނުގައި މަސްތުވާތަކެތި ބެހެއްޓިދާނެކަމުހެ އޮތް ކަމަށް ބުނެފައި ވީ ނަމަވެސް މަސްތުވާތަކެތި އެތަނުގައި ހުރި ކަން ޖަޒްލާނަށް އެނގޭ ކަމަށާއި އެ ތަކެތީގެ މައްޗަށް އޭނާގެ ފުރިހަމަ ބާރު އޮތް ކަމަށް ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަދި އެކަންކަމަށް ޝަރީއަތުގައި ޖަޒްލާން އިންކާރުކޮށްފައި ނުވެއެވެ. އެހެންކަމުން މި މައްސަލައިގައި މަސްތުވާތަކެތި ފެނިފައި ވަނީ ޖަޒްލާންގެ މައުނަވީ ހިޔާޒަތުގެ ދަށުން ކަން ޝަރީއަތަށް ބުރަވެވޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 137 ވަނަ މާއްދާގެ (ބ) ގައި ބުނާ ގޮތުގައި މަސްތުވާތަކެއްޗަށް ދެވި ހިފާފައި ނުވާ މީހެއްގެ އަތުން 4 ގްރާމަށް ވުރެ އިތުރަށް ޑައިމޯފިން ފެނިއްޖެ ނަމަ އެމީހަކީ މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއްގެ ގޮތުގައި ބެލެވޭނެއެވެ. އެ ގޮތުން އޭނާގެ މައްޗަށް ދައުވާ ކުރި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައިވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ޖަޒްލާންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށާއި އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. މިއާ އެކު އަދި އޭނާގެ މައްޗަށް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ. އެ ގޮތުން މިއަދުން ފެށިގެން 12 މަސް ދުވަސްތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލައިގައި ޖަޒްލާން ވަނީ 7 މަހާއި 21 ދުވަސް ބަންދުގައ ހޭދަކޮށްފައެވެ. އެހެންކަމުން އޭނާގެ 25 އަހަރުގެ ޖަލު ހުކުމުން ބަންދުގެ މުއްދަތުގައި ހޭދަކުރި ދުވަސްތައް އުނި ކުރުމުން އޭނާ ބަންދުގައި ހޭދަ ކުރަންޖެހޭ މުއްދަތަކީ 24 އަހަރާއި 4 މަހާއި 9 ދުވަހެވެ.