ޖަރުމަނުގެ ކުންފުނިތަކުން ޗައިނާގެ ކުންފުނިތަކާއެކު ކުރާ ވިޔަފާރި އާއި އެއްބަސްވުންތައް އިތުރަށް މުރާޖައާ ކޮށް، ހާމަ ކުރަން ބާރުއަޅާ އިސްލާހެއް ގެންނާނެ ކަމަށް ޖަރުމަނުގެ ހާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.

ޖަރުމަނުން މި ބަދަލުތަކުގެ ވާހަކަ ފެންމަތި ކޮށްފައި މިވަނީ ޖަރުމަނުގެ ޗާންސެލާ އޮލާފް ޝޯލްޒް މިމަހުގެ ކުރީ ކޮޅު ޗައިނާ އަށް ކުރެއްވި ދަތުރާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ޖަރުމަނުގެ ހާރިޖީ ވަޒީރު ވިދާޅުވީ، މިހާރުވެސް ޗައިނާ އިން ޖަރުމަނުގައި އިންވެސްޓް ކުރާ ކަމަށާއި އަދި ޖަރުމަނުގެ ކުންފުނިތަކާއެކު ޗައިނާގެ ކުންފުނިތަކުން ގިނަ މުއާމަލާތްތަކެއް ހިންގާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައި، ދެފަރާތުގެ ދެމެދުގައި ވާ އެއްބަސްވުންތައް އިތުރަށް ހާމަ ކުރުމަށް ބާރު އަޅާ އިސްލާހެއް ގެނެސް، ޖިއޯ ޕޮލިޓިކްސްގެ ސަބަބުން ނުވަތަ ޗައިނާގެ ނުފޫޒު ޖަރުމަނުގެ ވިޔަފާރީގެ މައްޗަށް އޮންނަ މިންވަރު ދެނެގަތުމަށް ހިމަނާނެ ކަމަށެވެ.

މި އިސްލާހާ އެކު، ޖަރުމަނުގައި އިންސްވެސްޓް ކުރާ ޗައިނާގެ ކުންފުނިތަކަށް އިތުރު ދަތިތަކާ ދިމާވާނެއެވެ. ފައިނޭންސްޝަލް ސްޓޭޓްމަންޓްގެ އިތުރުން، ސްޓްރެސް ޓެސްޓެއްވެސް ހަދަން ޖެހޭނެއެވެ. އެ ސްޓްރެސް ޓެސްޓްގައި ބަލާނީ، ޗައިނާގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ފޯރާނެ ނުފޫޒާއި ލިބޭނެ މަންފާތަކަށެވެ.

މި ބަދަލާ ގުޅޭ ގޮތުން، ޖަރުމަނުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، އެއީ އިންޓަވިއު ޕްރޮސެސް އެއް ކަމަށާއި އެގެ ބޭނުމަކަށް ވަނީ، ޖަރުމަނުގެ ވިޔަފާރިތައް އެހެން ގައުމުތަކުން ބްލެކްމެއިލް ކުރިޔަ ނުދިނުން ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، ދެފަރާތުން (ޗައިނާ އާއި ޖަރުމަން) މުއާމަލާތެއް ކުރަމުން ދަނިކޮށް ޗައިނާގެ މާކެޓް ބަންދު ކޮށްލުމުން ގަރުމަނުގެ ފިޔަފާރިތަކަށްވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ، ކޮވިޑް ޒީރޯގެ ސިޔާސަތާއެކު ޗައިނާ ބަންދުކޮށްފައި އޮތް އޮތުމުގެ މައްޗަށެވެ.

ޗައިނާއަކި ޖަރުމަނުގެ އެންމެ ބޮޑު ވިޔަފާރި ޕާޓްނަރެވެ. ހުސްވި އަހަރު ދެގައުމުގެ ދެމެދުގައި ކުރި ވިޔަފާރި ވަނީ 246 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ފާއިތުވި 6 އަހަރުވެސް އެންމެ ރަނގަޅަށް ވިޔަފާރި ކުރި 2 ގައުމެވެ.

ޖަރުމަނަކީ ޗައިނާގެ ވިޔަފާރިއަށް ބަރޯސާ ވާ ގައުމަކަށް ވާއިރު، މިއަހަރުގެ 3 ވަނަ ކުއާޓާ ނިމުނު އިރު ޖަރުމަނުން ޗައިނާ އަށް އެކްސްޕޯޓް ކުރި އަހަދަދަށް ވުރެ 41 ބިލިއަން ޑޮލަރު އިމްޕޯޓް ވަނީ ގިނަވެފައެވެ. ގައުމެއްގެ ޓްރޭޑް ޑެފިސިޓް ވުމަކީ، މުދަލާއި ތަކެތީގެ އަގަށްވެސް އޭގެ ބަދަލު އަންނަ ކަމަކަށް ވާއިރު، ޖަރުމަނުން އަޅަން ގަސްދުކުރާ އާ ފިޔަވަޅުތަކާއެކު ދެފަރާތުގެ ދެމެދުގައި ކުރެވޭ މުއާމަލާތް، ކޮވިޑް ފަދަ ހާލަތެއްގައި ވެސް ބެލެންސް ކުރަން ބާރު އަޅާނެ ކަމަށް ބުނެއެވެ. އަދި މި ނިންމުމުގެ ސަބަބުން، ޖަރުމަނުން ޗައިނާ އަށް ބަރޯސާ ވާ މިންވަރު ކުޑަ ކުރެވި، ވިޔަފާރީގެ އެހެން ފުރުސަތުތައް އިތުރުކޮށް އެހެން ގައުމުތަކާ އެކު މުއާމަލާތް ކުރުމަށް ބާރު އެޅިގެން ދާނެ ކަމަށްވެސް ބުނެއެވެ.

ޗައިނާ އަކީ ދުނިޔޭގައި އެންމެ ފުޅާ އަދި އެންމެ ވަރުގަދަ އެއް އިގުތިސޯދަށް ވާ އިރު، އެމެރިކާއި ހުޅަނގާއި، އެމެރިކާގެ ބައިވެރިން ކަމުގައިވާ އިންޑިއާ ފަދަ ގައުމުތަކުން ގެންގުޅޭ އެއްގޮތް އެއް ސިޔާސަތަކީ، ހުރިހާ ދާއިރާ އަކުން ޗައިނާ އިނދަޖައްސާލުމުގެ ސިޔާސަތެކެވެ.