ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ޖީގައި ހިމެނެނީ ބްރެޒިލްގެ އިތުރުން ސުވިޓްޒަލޭންޑް، ސާބިއާ އަދި ކެމަރޫންއެވެ.

ބްރެޒިލް

މިފަހަރުގެ މުބާރާތް ގެންދާނެ ކަމަށް އެންމެ ގިނަ ބަޔަކު ލަފާ ކުރަނީ ބްރެޒިލްއެވެ. 1930 ވަނަ އަހަރު ވޯލްޑްކަޕް މުބާރާތް ކުޅެން ފެށިފަހުން މިހާތަނަށް ބޭއްވި ހުރިހާ މުބާރާތެއްގައި ބައިވެރިވެފައިވާ ބްރެޒިލް އަށް އެންމެ ފަހުން ވޯލްޑްކަޕް ތަށި ލިބިފައިވަނީ 2002 ވަނަ އަހަރެވެ. އަދި މިއަހަރު ތަށި ކާމިޔާބު ނުވެއްޖެނަމަ ދެން ވޯލްޑްކަޕް އޮންނަ އިރު އެންމެ މި މުބާރާތް އެންމެ ގިނައިން ހޯދި ބްރެޒިލްއަށް ތަށި ނުލިބި 24 އަހަރު ވާނެއެވެ.

ބްރެޒިލްގެ ފޯވަޑް ލައިން އޮތީ ވަރަށް ރަނގަޅު ފޯމެއްގައި/ފޮޓޯ: ގޫގަލް

އެހެން ނަމަވެސް ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ބްރެޒިލް ދެވަނަ ބުރަށް ދާނެ ކަމުގެ އުއްމީދު ބޮޑެވެ. މިހާތަނަށް ބްރެޒިލް ގްރޫޕް ސްޓޭޖްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ބްރެޒިލްގެ ފޯވަޑް ލައިނަކީ އެހެން ޓީމުތައް ބިރު ގަންނަވާލާނެ ފަދަ ހުނަރުވެރި ފޯވަޑް ލައިނެކެވެ. ޕީއެސްޖީގެ ނޭމާގެ އިތުރުން ރިއަލްގެ ވިނިސިއަސް ޖޫނިއާ އަދި ރޮޑްރީގޯ އާއެކު އާސަނަލްގެ ހެސޫސް އަދި މާޓިނޭލީ މީ މިސީޒަންގައި ރަނގަޅު ފޯމްގައި ކުޅެމުން އަންނަ ކުޅުންތެރިންނެވެ.

ސުވިޓްޒަލޭންޑް

ބްރެޒިލްއާއެކު ގްރޫޕް ޖީއިން ދެވަނަ ބުރަށް ދާނެ ކަމުގެ އެންމެ އުއްމީދު ބޮޑީ ސުވިޓްޒަލޭންޑަށެވެ. އެގައުމުން އެންމެ ފަހުން ކުޅުނު ހަތަރު ވޯލްޑްކަޕްގައި ވެސް ނޮކްއައުޓް ސްޓޭޖަށް ދަތުރުކޮށްފައިވާ އިރު ޔޫރަޕްގައި މި ރިކޯޑް ދެން އޮތީ ފްރާންސް އަދި ބެލްޖިއަމްގެ އަތުގައެވެ.

ސުވިޓްޒަލޭންޑަށް ގްރޫޕްގެ ދެވަނަ ލިބޭނެ ކަމަށް ބެލެވޭ/ފޮޓޯ: ގޫގަލް

ސުވިޓްޒަލޭންޑް ކޮލިފައިންގްގައި އޮތީ މިދިޔަ އަހަރުގެ ޔޫރޯ ޗެމްޕިއަން އިޓަލީ އެއް ގްރޫޕެއްގައެވެ. އެހެން ނަމަވެސް އިޓަލީ ކަނޓުވާލާ ސުވިޓްޒަލޭންޑް ވޯލްޑް ކަޕަށް ދަތުރުކުރި އިރު މިއަހަރުގެ މުބާރާތުން ޔޫރޯ ޗެމްޕިއަނުންނަށް ޖާގައެއް ނުލިބުނެވެ.

ސާބިއާ

2006 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގައި ކުޅުނު މެޗުތަކުގެ ތެރެއިން ޔޫރަޕްގެ ގައުމުތަކުން އެންމެ ގިނަ މެޗުން ބަލިވެފައިވަނީ ސާބިއާއެވެ. މިގޮތުން، ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން އެގައުމު ބަލިވި އިރު މިނިވަން ގައުމެއްގެ ގޮތުގައި މުބާރާތުގައި ކުޅުނު ތިން ފަހަރު ވެސް ސާބީއާއަށް ގްރޫޕް ސްޓޭޖުން ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ.

ސާބިއާގެ މިޓްރޮވިޗް ގޯލު ޖަހާފައި އުފާ ފާޅުކުރަނީ/ފޮޓޯ: ގޫގަލް

މިފަހަރުގެ ވޯލްޑްކަޕް ތަފާތުވާނެ ކަމަށް ޕަންޑިޓުން ބުނެއެވެ. ޓީމުގެ ކުރިއަށް ކުޅޭ އެކެގްޒެންޑާ މިޓްރިވިޗް އަދި ޑުސާން ވްލަހޮވިޗް ވެސް ފޯމްގައި ތިބި އިރު ޑިފެންސް ވެސް ވަރުގަދަ ވާނެ ކަމަށް ބެލެވެއެވެ.

ކެމަރޫން

ކެމަރޫން ޓީމު އެންމެ ފަހުން ވޯލްޑްކަޕުން ފެނިފައިވަނީ 2014 އަހަރުއެވެ. ވޯލްޑްކަޕްގައި އެޓީމުގެ ރިކޯޑްވެސް މާ މޮޅެއް ނޫނެވެ. މިގޮތުން، އެޓީމުން ވޯލްޑްކަޕްގައި ޖައްސަ ޖައްސައިގެން 9 މެޗުން ވަނީ ބަލިވެފައެވެ.

ކެމަރޫންގެ ޗުޕަމޯޓިންގް ފްރެންޑްލީ މެޗެއްގައި ކުޅެނީ/ފޮޓޯ: ޓުވިޓާ

މިފަހަރުގެ އަމާޒަކީ މި ރިކޯޑް ބަދަލުކޮށް ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދެވަނަ ބުރަށް ދިއުމެވެ. ކެމަރޫންގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ އަދި މިހާރު އެގައުމުގެ ފުޓްބޯލް ފެޑަރޭޝަންގެ ރައީސް ސެމިއުލް އެޓޯ ބުނީ ގަތަރު 2022 ގެ ފައިނަލަށް ދާނީ އެފްރިކާގެ ދެ ޓީމު ކަމަށާއި އެގާބިލްކަން އެޓީމުތަކުގައި ހުރި ކަމަށް. އަދި މިއީ އެފްރިކާ ކުޅުންތެރިންގެ ހުނަރު ދެއްކުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް އެޓޯ ވަނީ ބުނެފައެވެ.