މިފަހަރުގެ މުބާރާތުގެ ގްރޫޕް އެފްގައި ހިމެނެނީ ބެލްޖިއަމް، ކެނެޑާ، މޮރޮކޯ އަދި އެންމެ ފަހުގެ ރަނަރަޕް ޓީމް ކްރޮއޭޝިޔާއެވެ.

ބެލްޖިއަމް

ބެލްޖިއަމްގެ 'ގޯލްޑަން ޖެނަރޭޝަން' ގައި ހިމެނޭ ކުޅުންތެރިންގެ މިވަނީ އެގައުމަކީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި އަނެއްކާވެސް ނަގާ ކިޔޭ ޓީމަކަށް ހަދާފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އަދި 2021 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ބެލްޖިއަމް ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: ފޯފޯޓޫ

އެހެން ނަމަވެސް މި ކާމިޔާބީ ހޯދި ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިން މިހާރު މަޑުމަޑުން ފަހަތަށް ޖެހެން ފަށާފައިވާ އިރު މި އަހަރުގެ މުބާރާތުގައި ބެލްޖިއަމްއިން ބަލާނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޕްލޭމޭކާ ކެވިން ޑް ބްރައިނާއަށެވެ. މީގެ އިތުރުން ސްޓްރައިކާ ރޮމަލޫ ލުކާކޫގެ ލަނޑުތައް ޓީމަކަށް މުހިންމުވާނެ އިރު 2014 ވަނަ އަހަރުގެ ފަހުން ލުކާކޫ ވަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބެލްޖިއަމްއަށް 11 ލަނޑު ޖަހާދީފައެވެ. މި މުއްދަތުގައި ލުކާކޫއަށް ވުރެ ގިނައިން ޔޫރަޕްގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް ލަނޑު ޖަހާ ދީފައިވަނީ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ކެނެޑާ

މިއީ 1986 ވަނަ އަހަރުގެ ފަހުން ކެނެޑާއިން ފީފާ ވޯލްޑްކަޕް މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ކެނެޑާގެ ޓީމުގެ ފަރާތުން ފެންނާނެ ކުޅުމެއް ގިނަ ބައަކަށް ބުނަން ނޭނގޭ އިރު ކެނާޑާއިން ވަނީ ކޮލިފައިންގްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އެޓީމަކުން އުތުރު އެމެރިކާގެ ޓީމުތަކުގެ ތެރެއިން ކޮލިފައިންގައި އެންމެ ގިނަ އިން ލަނޑު ޖަހާ އެންމެ މަދުން ލަނޑު ބައިކޮޅަށް ވެއްދި ޓީމެވެ.

ކެނެޑާގެ ގައުމީ ޓީމު ވޯލްޑްކަޕުން ފެންނަނީ 36 އަހަރަށް ފަހު/ފޮޓޯ: ސްކާނެޓް

މިގޮތުން، ކެނެޑާގެ ޒުވާން ޓީމުން ކޮލިފައިންގައި 23 ގޯލު ޖެހި އިރު އެޓީމުން ބައިކޮޅަށް ވެއްދީ އެންމެ 7 ގޯލެވެ.

މޮރޮކޯ

މިއީ މޮރޮކޯ ޖެހިޖެހިގެން ވޯލްޑްކަޕްގެ މުބާރާތެއްގައި ކުޅޭ ދެވަނަ ފަހަރެވެ. އެހެން ނަމަވެސް މި ގްރޫޕުން ދެވަނަ ބުރަށް އެޓީމު ދާނެ ކަމުގެ އުއްމީދު ކުޑައެވެ. އެހެން އެކަން ވެއްޖެނަމަ ވާނީ 1986 ވަނަ އަހަރުގެ ފަހުން ވޯލްޑްކަޕްގެ މުބާރާތުގެ ދެވަނަ ބުރަށް މޮރޮކޯ ދަތުރުކުރާނެ ފުރަތަމަ ފަހަރަށެވެ.

މިއީ ރަށު ކޯޗެއްގެ ބެލުމުގެ ދަށުން މޮރޮކޯއިން ވޯލްޑްކަޕަށް ނިކުންނަ ފަހަރެއް/ފޮޓޯ: އެތްލެޓިކް

މޮރޮކޯގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ވަލީދް ރެގްރަގުއީގެ ކޯޗު ކަމުގެ ދަށުން މޮރޮކޯ މުބާރާތަށް ނިކުންނަ އިރު އެޓީމުގައި ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުޅޭ ކުޅުންތެރިން ވެސް ހިމެނެއެވެ. މިގޮތުން އިންގްލޭންޑްގެ ޗެލްސީއަށް ކުޅޭ ކިއެޗްގެ އިތުރުން ފްރާންސްގެ ޕީއެސްޗީއަށް ކުޅޭ ހަކީމީ ވެސް ހިމެނެއެވެ. މީގެ އިތުރުން މޮރޮކޯގެ މީޑިއާއިން ބުނެފައިވަނީ ޓީމުގެ 8 ނަމްބަރު ޖާޒީއިން ފެންނާނެ އިއްޒުދީން އުނާހީ ވެގެންދާނީ މި އަހަރު އެޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ކަމަށެވެ.

ކްރޮއޭޝިޔާ

2018 ވަނަ އަހަރު ރަޝިޔާގައި ކުޅުނު މުބާރާތުގެ ފައިނަލްގައި ފްރާންސް އަތުން ކްރޮއޭޝިޔާ ބަލިވީ ހިތްދަތި ގޮތަކަށެވެ. އެމުބާރާތުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ބައެއްގެ ހިތްތަކެއް އަތުލި ކްރޮއޭޝިޔާއިން އަނެއްކާވެސް ފައިނަލްއަށް ދާން މަސައްކަތް ކުރާނެ އިރު މިފަހަރު ބޭނުންވާނީ ތަށި ހޯދަންށެވެ.

ވޯލްޑްކަޕްގައި ކްރޮއޭޝިޔާއިން ދައްކަމުން އަންނަ އެކި ފަހަރު އެކި ކަހަލަ ފޯމެވެ. 2018 ގެ ކުރިން ކުޅުނު ފަސް މުބާރާތުގެ ތެރެއިން ތިން ފަހަރު ގްރޫޕް ސްޓޭޖުން އެޓީމު ކެޓި އިރު އަނެއް ދެ ފަހަރު ވަނީ ސެމީއާ ހިސާބަށް ދަތުރުކޮށްފައެވެ.

މިއީ މޮޑްރިޗްގެ ފަހު ވޯލްޑްކަޕަށް ވެދާނެ/ފޮޓޯ: ފީފާ ޓުވިޓާ

ކްރޯއޭޝިޔާގެ ހުނަރުވެރި މިޑްފީލްޑަރު ލޫކާ މޮޑްރިޗްގެ މިއީ ފަހު ވޯލްޑްކަޕަށް ވުން އެކަށީގެންވާ އިރު އޭނާގެ ތަޖުރިބާ ބޭނުންކޮށްގެން މުބާރާތުގައި ކުރިއަށް ދިއުމަށް ކްރޮއޭޝިޔާއިން މަސައްކަތް ކުރާނެއެވެ.