މިފަހަރުގެ ވޯލްޑްކަޕްގެ އެންމެ އުނދަގޫވާނެ ގްރޫޕަކީ ހަމަގައިމުވެސް ގްރޫޕް އީއެވެ. މި ގްރޫޕްގައި ހިމެނެނީ ޔޫރަޕްގެ ގަދަ ދެ ބާރު ކަމަށްވާ ޖާމަނީ އަދި ސްޕެއިންގެ އިތުރުން އޭޝިޔާއިން ޖަޕާން އަދި ލެޓިން އެމެރިކާއިން ކޮސްޓާ ރީކާއެވެ.

ޖާމަނީ

2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕަކީ ޔޫރަޕްގެ ގަދަ ބާރު ޖާމަނީ އަށް ވަރަށް ވެސް ނާކާމިޔާބު މުބާރާތެކެވެ. އެއީ 1950 ވަނަ އަހަރުގެ މުބާރާތުގެ ފަހުން ޖާމަނީ ފުރަތަމަ ދެވަނަ ބުރަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ. 1950 ވަނަ އަހަރުގެ މުބާރާތުގައި ޖާމަނީ ބައިވެރިއެއް ނުވެއެވެ.

ގަތަރު 2022 ގައި ފެށުން ރަނގަޅުކޮށް ފައިނަލްއާ ހިސާބަށް ދިއުމަށް ޖާމަނީއިން އުއްމީދުކުރާ އިރު މުބާރަތަށް ކޮލިފައިވުމުގައި ވެސް އެޓީމުން ވަނީ މިކަން ދައްކާފައެވެ. މިގޮތުން ޖާމަނީ އަކީ މުބާރާތް ބާއްވާ ގަތަރުގެ ފަހުން މުބާރާތުން ޖާގައެއް ކަށަވަރުކުރި ފުރަތަމަ ގައުމެވެ. އެޓީމުން ވަނީ ކޮލިފައިންގައި ކުޅުނު 10 މެޗުން ނުވަ މެޗު ކާމިޔާބުކޮށްފައެވެ.

ޖާމަނީ ޖަމާލް މުސިއާލާއަކީ ގިނަ ބަޔަކު ޝައުގުވެރިވާ ކުޅުންތެރިއެއް/ފޮޓޯ: ބަޔާން ސްޓްރައިކްސް

ޖާމަނީގެ ސްކޮޑްގައި ކީޕަރު މެނުއަލް ނޯޔާ އަދި ފޯވަޑް ތޯމަސް މުލާގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލްގައި އާޖެންޓީނާކޮޅަށް ލަނޑު ޖަހާ ދީ ޖާމަނީ ތަށި ހޯދައިދިން މާރިއޯ ގޮޓްޒޭ ވެސް ހިމެނެއެވެ. އެހެން ނަމަވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ހުންނާނީ ބަޔާން މިއުނިކްގެ ފޯވަޑް ޖަމާލް މުސިއާލާއަށެވެ. އޭނާގެ ކްލަބްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މި ކުޅުންތެރިއާއަކީ އެންމެ 19 އަހަރުގެ ކުޅުންތެރިއެކެވެ.

ސްޕެއިން

ރަޝިޔާ 2018 އަކީ ސްޕެއިންއަށް ވެސް މާ ކާމިޔާބު މުބާރާތެއް ނޫނެވެ. މުބާރާތް ފެށެން ގާތްވެފައި ވަނިކޮށް ޓީމުގެ ކޯޗު އިސްތިއުފާ ދިނުމާއެކު ޓީމުގެ ތެރޭގައި ނުތަވަސްކަން އުފެދިގެން ދިޔައެވެ. ގްރޫޕް ސްޓޭޖްގައި ވެސް ސްޕެއިންއަށް މާމޮޅު ކުޅުމެއް ނުދެއްކުނު ނަމަވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރިކުރިއެވެ. އަދި ދެވަނަ ބުރުގައި މުބާރާތް ބޭއްވި ރަޝިޔާއަތުން ޕެނަލްޓީން ބަލިވެ ސްޕެއިން ކެޓި އިރު މި ފަހަރުގެ މުބާރާތަށް ސްޕެއިން ދަނީ ތައްޓަށް ވާދަ ކުރާނެ އެއްޓީމުގެ ގޮތުގައެވެ.

ސްޕެއިންގެ ޒުވާން ކުޅުންތެރިން ކަމަށްވާ ގާވީ (މެދު) އަދި ޕެޑްރީ (ކ)/ފޮޓޯ: ފުޓްބޯލް އެސްޕަނިއާ

ސަބަބަކީ ކޯޗު ލުއިސް އެންރީކޭގެ ބެލުމުގެ ދަށުން ސްޕެއިންއިން ވަނީ އަނެއްކާވެސް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފެއްދުމުގެ ކުޅުމަށް ބަދަލުވެފައެވެ. ސްޕެއިންގެ މިފަހަރުގެ ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ޑޭވިޑް ޑި ހަޔާ އަދި ޕީއެސްޖީގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ޖާގަ ނެތް އިރު އެގައުމުން ގަތަރަށް ގެންދަނީ ޒުވާން ސްކޮޑެކެވެ. މީގެ ތެރޭގައި ބާސާގެ ތިން ޒުވާން ކުޅުންތެރިން ކަމަށްވާ ޕެޑްރީ، (19 އަހަރު)، ގާވީ (19 އަހަރު) އަދި އަންސޫ ފަތީ (19 އަހަރު) ހިމެނެއެވެ.

ޖަޕާން

ވޯލްޑްކަޕް ގްރޫޕް އީގައި ސްޕެއިންއާއި ޖަމާނީއަށް އެންމެ ގާތުން ވާދަކުރާނީ ޖަޕާނު ކަމަށް ބެލެއެވެ. ޖަޕާނުގެ ސްކޮޑްގައި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ އިރު ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅެމުންދާ ކުޅުންތެރިން ވެސް ހިމެނެއެވެ. މީގެ ތެރޭގައި އާސަނަލްގެ ޓޮމިޔާސޫގެ އިތުރުން ކުރީގެ ލިވަޕޫލްގެ ފޯވަޑް އަދި މިހާރު ފްރާންސްގެ މޮނޮކޯއަށް ކުޅޭ ޓަކޫމީ މިނަމީނޯ ހިމެނެއެވެ.

ޖަޕާނުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: ގޫގަލް

2018 ގައި ރަޝިޔާގައި އޮތް ވޯލްޑްކަޕްގައި އެންމެ މަގްބޫލު މެޗަށްވީ ދެވަނަ ބުރުގައި ޖަޕާނާއި ބެލްޖިއަމް ކުޅުނު މެޗުގައި ކަމުގައި ވީ އިރު އެފަހަރު މުބާރާތުން ޖަޕާނު ކެޓީ 3-2 އަކުން ބަލިވެގެންނެވެ. މިފަހަރުގެ އަމާޒު އޮތީ އަނެއްކާވެސް ދެވަނަ ބުރަށް ދިއުން ކަމަށްވާ އިރު އޭރުން ވާނީ ޖަޕާނު ވޯލްޑްކަޕްގައި ޖެހި ޖެހިގެން ދެވަނަ ބުރަށް ދާ ދެވަނަ ފަހަރަށެވެ.

ކޮސްޓާ ރީކާ

ކޮސްޓާ ރީކާއަކީ ގަތަރު 2022 އަށް ކޮލިފައިވީ އެންމެ ފަހު ޓީމު/ފޮޓޯ: ސީއެންއެން

ކޮސްޓާ ރީކާއަކީ މި ޓީމު ފަހަނަ އަޅާ ދެވަނަ ބުރަށް ދާނެ ޓީމެއް ކަމަށް ފުޓްބޯޅަ ޕަންޑިޓުން ނުދެކެއެވެ. މި މުބާރާތުގެ ކުރިން ކޮސްޓާ ރީކާއިން ވޯލްޑްކަޕްގައި ކުޅުނު ހަ މެޗުން ކުރެ މެޗަކުން މޮޅުވެފައި ނުވާ އިރު އެގައުމު މުބާރާތަށް އައި އިންޓާކޮންޓިނަލް ޕްލޭ އޮފްގައި ނިއުޒީލޭންޑް ބަލިކޮށްގެންނެވެ.