ގަތަރުގައި މާދަމާ ފަށާ ވޯލްޑް ކަޕް މުބާރާތަކީ މުސްލިމް ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕްއަށް ވާ އިރު މުބާރާތާއި ދިމާކޮށް ގަތަރުން އަޅަމުން އަންނަ ފިޔަވަޅުތަކުން ވެސް ފެންނަނީ އިސްލާމީ ރިވެތި ސިފަތަކެވެ.
މިގޮތުން ގަތަރުން ވަނީ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކުގެ ކައިރީގައި މިއުއްމަތުގެ ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވަސައްލަމް ގެ ހަދީޘްތައް ދައްކުވައިދޭ ބޮޑެތި ބިލްބޯޑްތައް ހަރުކޮށްފައެވެ.
މި ބިލްބޯޑުތަކުގައި ހަދީޘްތައް އަރަބި އަކުރުން ލިޔެފައި ހުރިތަން ފެންނަ އިރު ހަދީޘްތަކުގެ މާނަ އިނގިރޭސިން ވެސް ލިޔެފައިވެއެވެ. މިގޮތުން، ބިލްބޯޑުތަކުގައި ހުރީ އެކަކު އަނެކަކަށް އެހީވުމާއި، ސަދަގާތް ކުރުމާއި ހެޔޮ އަމަލުތައް ކުރުމަށް ބާރު އަޅާ ފަދަ ރަސޫލާގެ ހަދީޘްތަކެވެ. ގަތަރުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ އެގައުމުން މިގޮތަށް ރަސޫލާގެ ހަދީޘްތައް ބިލްބޯޑުތަކުގައި ޖަހާފައިވަނީ އިސްލާމް ދީނުގެ މައުލޫމާތު ވޯލްޑްކަޕް ބަލަން އަންނަ ސަޕޯޓަރުންނަށް ފޯރުކޮށް ދިނުމަށެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ މިމުބާރާތް ގަތަރުގައި ފަށަން ތައްޔާރުވާ އިރު ގަތަރުން ދަނީ އެގައުމުގެ ސަފާގަތާއި އިސްލާމް ދީނުގެ އާދަތައް ޕްރޮމޯޓްކުރުމަށް ގިނަ ގުނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން، ވޯލްޑްކަޕްގެ މެޗުތައް ކުޅުމަށް ހަދާފައިވާ ސްޓޭޑިއަމްއެއް ދާދި ފަހުން ހުޅުވާފައިވަނީ ކުޑަކުދިންތަކެއްގެ ކީރިތި ގުރުއާން ކިޔަވާ ހުށަހެޅުމަކުންނެވެ.
ގިނަ ބައެއްގެ ސަމާލުކަން ހޯދި މިހުށަހެޅުމުގައި 100 ކުޑަކުދިން ބައިވެރިވެފައިވެއެވެ.