ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީ ގައި ހިމެނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ގެ އިތުރުން އޮސްޓްރޭލިޔާ، ޑެންމާކް އަދި ޓުއިނީޝިއާއެވެ.

ފްރާންސް

2018 ވަނަ އަހަރުގެ ވޯލްޑްކަޕް ތަށި އުފުލާލި ފްރާންސްއަށް މިއީ ލިބޭ ރަނުގެ ފުރުސަތެކެވެ. އެއީ 1962 ވަނަ އަހަރު ބްރެޒިލްގެ ފަހުން ޖައްސަ ޖައްސައިގެން ދެ ތަށި ހޯދުމަށް ލިބޭ ފުރުސަތެވެ.

މީގެ ހަތަރު އަހަރު ކުރިން ފްރާންސްއަށް ތަށި ހޯދައިދިން ގިނަ ކުޅުންތެރިން މިއަހަރުގެ މުބާރާތުން ވެސް ފެނިގެންދާނެ އިރު ޔުވެންޓަސްގެ ޕޯލް ޕޮގްބާ އަދި ޗެލްސީގެ އެންގޯލޯ ކާންޓޭ އިންޖަރީގެ ސަބަބުން 22 ކުޅުންތެރިންގެ ސްކޮޑްގައި ހިމަނާފައެއް ނުވެއެވެ.

ފްރާންސްގެ ގައުމީ ޓީމު ގަތަރަށް ދަނީ/ފޮޓޯ: ޓުވިޓާ

އެހެން ނަމަވެސް ރިއާލް މެޑްރިޑްގެ ދެކުޅުންތެރިން ކަމަށްވާ ކަމަވިންގާއާއި ޓުއަމެނީއަކީ އަރަމުން އަންނަ ހުނަރުވެރި ދެތަރިންނެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު ކަރިމް ބެންޒީމާއާ 2018 ވަނަ އަހަރުގެ މުބާރާތުގައި ވިދާލި ކިލިއަން އެމްބާޕޭގެ ފަރާތުން ވެސް ހިތްގައިމުކުޅުމެއް ފެންނާނެ ކަމަށް ސަޕޯޓަރުން އުއްމީދުކުރެއެވެ.

ޑެންމާކް

މިދިޔަ އަހަރު ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ބައެއްގެ ހިތް އަތުލައިގެން އެއް ޓީމަކީ ޑެންމާކެވެ. އެޓީމުގެ މުހިންމު ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަންއަށް ހާޓް އެޓޭކެއް ޖެހި ދަނޑު މައްޗަށް ވެއްޓުނު މަންޒަރަކީ ގިނަ ބަޔަކު އަދި ވެސް ހަނދާން ހުންނާނެ މަންޒަރަކަށް ވީ އިރު އެހާދިސާއަށް ފަހު މުބާރާތުގައި ދެން ޑެންމާކް ދެއްކީ ތައުރީފު ހައްގު ކުޅުމެކެވެ. މިގޮތުން އެޓީމުން ވަނީ ޔޫރޯ 2020 ގެ ސެމީއަށް ދަތުރުކޮށްފައެވެ.

މި މުބާރަތުގައި އެރިކްސަން ފެންނާނެ ކަމަށް ބެލެވޭ އިރު 2021 ވަނަ އަހަރުގެ ހާދިސާއަށް ފަހު އެރިކްސަން ދަނޑުމަތިން ފެނުންވާނީ ޑެންމާކް ޓީމަށް ލިބޭނެ އިތުރު ހިތްވަރަކަށެވެ.

ޑެންމާކުން ވަނީ އެންމެ ފަހުގެ ޔޫރޯގެ ސެމީއަށް ދަތުރުކޮށްފައި/ފޮޓޯ: ގޫގަލް

އެޓީމު މުބާރާތަށް ކޮލިފައިވީ ވެސް ތައުރީފު ހައްގުވާ ފަދަ ގޮތަކަށެވެ. މިގޮތުން ކުޅުނު 10 މެޗުން 9 މެޗު އެޓީމުން ކާމިޔާބު ކުރި އިރު މީގެ ތެރެއިން 8 މެޗުގައި އެޓީމުން ބައިކޮޅަށް ގޯލެއް ވައްދާފައެއް ނުވެއެވެ. މިއީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ޑިފެންސް ރަނގަޅު ޓީމު ވެސް މެއެވެ.

އޮސްޓްރޭލިޔާ

މިއީ އޮސްޓްރޭލިޔާއިން ވޯލްޑްކަޕް މުބާރާތެއްގައި ކުޅޭ 6 ވަނަ ފަހަރަށް ވާނެ އިރު އެގައުމުން މިމުބާރާތުން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 1974 ވަނަ އަހަރެވެ. ފާއިތުވި ހަތަރު މުބާރާތުގައި ވެސް އޮސްޓްރޭލިޔާ ފެނިފައިވާ އިރު އެންމެ ފަހުން ކުޅުނު ތިން ވޯލްޑްކަޕުން ވެސް އޮސްޓްރޭލިޔާ ވަނީ ފުރަތަމަ ބުރުން ކަޓާފައެވެ. އަދި އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ މެޗެކެވެ. އެއީ 2010 ވަނަ އަހަރުގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު އެކަންޏެވެ.

އޮސްޓްރޭލިޔާގެ ފޯވަޑް އެވާ މޭބިލް އަކީ އުއްމީދީ ކުޅުންތެރިއެއް/ފޮޓޯ: ޔޫޓިއުބް

ގަތަރު 2022 އަށް އޮސްޓްރޭލިޔާއިން ގެންދަނީ ރަނގަޅު ސްކޮޑެކެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންގެ އިތުރު ތަޖުރިބާކާރު ކުޅުންތެރިން ވެސް ޓީމުގައި ހިމެނެއެވެ. މިއަހަރު އަލަށް ގައުމީ ޓީމުން ފެނިގެންދާނެ އެއް ކުޅުންތެރިއެއް ކަމަށްވާ އަވާރް މާބިލްއަކީ ވަރަށް އުއްމީދީ ކުޅުންތެރިއެކެވެ. ކެންޔާއަށް އުފަންވީ ނަމަވެސް މިހާރު އޮސްޓްރޭލިޔާއަށް ކުޅޭ މާބިލްގެ ކުޅުން ގިނަ ބައެއްގެ ލޮލުގައި ވަނީ އަޅައިގެންފައެވެ.

ޓޫނީޝިއާ

ވޯލްޑްކަޕްގައި ޓޫނިޝީއާއިން މީގެ ކުރިން ކުޅުނު ހަ ފަހަރު ވެސް ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދެވޭ ގޮތެއް ނުވެއެވެ. އަދި އެގައުމަކީ ވޯލްޑްކަޕްގެ މެޗުތަކުން އެންމެ ގިނައިން ބަލިވި ތިން ގައުމުގެ ތެރެއިން އެއް ގައުމުވެސްމެއެވެ.

އެހެން ނަމަވެސް ޓޫނިޝިއާއިން މިފަހަރު ތިބީ މިކަން ބަދަލުކުރުމަށް ތައްޔާރަށެވެ. ހާއްސަކޮށް މެދު އިރުމަތީގައި ކުޅޭ ފުރަތަމަ ފީފާ ވޯލްޑްކަޕްގައި އަރަބި ޓީމުތައް ރަނގަޅަށް ތަމްސީލުކުރަން އެގައުމުން ބޭނުންވެއެވެ.

ޓިއުނީޝާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: ގޫގަލް

ފީފާއަށް ދިން އިންޓަވިއުއެއްގައި ޓީމުގެ މިޑްފީލްޑަރު ނައީމް ސިލީތީ ބުނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަކީ ޓީމުން ދެކޭ ހުވަފެނެއް ކަމަށާ މިކަން ފަސޭހަ ނުވާނެ ކަން ވެސް އެނގޭ ކަމަށެވެ. އަދި 2018 ގެ ވޯލްޑްކަޕްގައި ކުޅުނު ކުޅުންތެރިންގެ ތަޖުރިބާއާއެކު ޓީމު މިހާރު ވަރުގަދަވެފައިވާ ކަމަށާ ޓީމުގެ ޑިފެންސްވެސް ވަރުގަދަވާނެ ކަމަށް އޭނާ ބުނެއެވެ.