މާދަމާ ގަތަރުގައި ފަށާ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގައި ބައިވެރިވާ 32 ގައުމުގެ ޓީމުތައް ގަތަރަށް އަންނަމުން ދާ އިރު ގައުމީ ކުޅުންތެރިން ގަތަރަށް އަންނަ މަންޒަރާ ހޮޓަލަށް ދާ މަންޒަރުތައް މީ މީޑިއާތަކުން ކައިރިން ބަލަމުންދާ މަންޒަރުތަކެވެ.

އަދުގެ ފުޓްބޯޅަައިގައި މިގޮތަށް ކުރާ ދަތުރުތަކުގައި ޓީމުން ރަސްމީ ޖާޒީ ނުލިޔަސް ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓް ލައިގެން ތިބެނީ 'ޔުނިފޯމް'އެކެވެ. ގިނަފަހަރަކަށް ޓައި އާއި ސޫޓެވެ.

ނެދާލޭންޑްސްގެ ގައުމީ ޓީމުގެ ކުޅުންތެރިން ދޯހާ އެޔާޕޯޓްގައި/ފޮޓޯ: ޓުވިޓާ

ނަމަވެސް ގަތަރު 2022 ގެ ގްރޫޕް އެޗްގައި އޮތް އެފްރިކާގެ ގާނާގެ ޓީމު ގަތަރަށް ފޭބީ ވަރަށް ވެސް ތަފާތު ހެދުމެއްގައެވެ. މިގޮތުން، ގާނާ ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓް ލައިގެން ތިބީ އެގައުމުގެ ސަގާފީ ހެދުމެކެވެ. ކުލަ ގަދަ މި ހެދުމުގައި ކުޅުންތެރިން މަތިންދާބޯޓުން ފައިބައިގެން އައި އިރު މޫނު މަތިން ފެންނަނީ ފަހުރުވެރިކަމާ އުފާވެރިކަމެވެ.

ގާނާގެ ކުޅުންތެރިންގެ މޫނުން ފެންނަނީ ފަހުރުވެރިކަމާ އުފާވެރިކަން/ފޮޓޯ: ޓުވިޓާ

މިކަމަށް ގިނަ ބައެއްގެ ސަމާލުކުރަން ހުއްޓުނު އިރު ސޯޝަލް މީޑިއާގައި އެކި އެކި ފަރާތްތަކުން ވަނީ ގާނާގެ ޓީމަށް ތައުރީފު އޮއްސާލާފައެވެ. ބަވަނަވެފައި އޮތް މި ދުނިޔޭގައި އެތަށް ގައުމެއްގެ ސަގާފަތްތައް މަސްހުނިވެފައިވާ އޮތް އިރު މިގޮތަށް އަމިއްލަ ގައުމުގެ ސަގާފަތާ އަޅާ ހެދުންތައް ދައްކާލުމަކީ ހަމަގައިމުވެސް ތައުރީފު ހައްގުކަމެކެވެ.

ޕޮލެންޑްގެ ޓީމަށް ވައިގެ ތެރެއިން އަސްކަރީ އެސްކޯޓެއް

ޕޮލޭންޑްގެ ޓީމު ގަތަރަށް އައި ވެސް ތަފާތު ގޮތަކަށެވެ. އެއީ އެޓީމު ގަތަރަށް ގެނައި މަތިންދާބޯޓު ގަތަރާ ހަމައަށް އައި ހަނގުރާމަ މަތީ އެފް-1ގެ ދެ މަތިންދާބޯޓާއި އެކުއެވެ.

ޕޯލެންޑްގެ ޓީމު ގަތަރަށް ގެނައި މަތިންދާބޯޓަށް ލިބުނީ އަސްކަރީ އެސްކޯޓެއް/ފޮޓޯ: ޓުވިޓާ

ޕޯލެންޑްގެ އަސްކަރިއްޔާއިން ގައުމީ ޓީމުގެ ހިމާޔަތަށް އެރީ ޔޫކްރެއިންއަށް އަރާ ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ޔޫކްރެއިންގެ ދިފާއީ ބާރުތަކުން ފޮނުވާލި މިސައިލެއް ޕޮލެންޑްގެ ސަރަހައްދުތަކަށް އަރާ އެގައުމުގެ ދެ ދަނޑުވެރިއަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ. މިކަމުގެ ސަބަބުން ސަރަހައްދުގައި އިތުރު ނުތަނަވަސްކަން އުފެދިފައިވާ އިރު ނޭޓޯއިން ވަނީ ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފައެވެ.