މިއަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ބީއަކީ ހަތުރުންގެ ގްރޫޕޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މި ގްރޫޕްގައި ހިމެނެނީ ތާރިހުގައި ތެރޭގައި ބޮޑެތި ހަނގުރާމަތަކެއް ކުރި އިންގްލޭންޑް އަދި ވޭލްސްގެ އިތުރުން ފަހުގެ ދުނިޔޭގެ އެންމެ މަޝްހޫރު ހަތުރުން ކަމަށްވާ އެމެރިކާއާއި އީރާނެއެވެ.

އިންގްލޭންޑް

އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ޓީމު ކަމަށްވާ އިންގްލޭންޑަކީ މިއަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓީމެކެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ލީގު އޮންނަ އިންގްލޭންޑުން ވޯލްޑް ކަޕް މުބާރާތްތަކުގައި އެދެވޭ ކުޅުމެއް ދައްކާފައި ނުވާ އިރު ކޯޗު ގެރެތް ސައުތްގޭޓް ބޭނުންވާނީ ޔޫރޯގައި ދެއްކި ފަދަ ކުޅުމެއް ގަތަރުގައި ވެސް ދެއްކުމަށެވެ.

އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން އަދި ކުޅުންތެރިން ތަމްރީނުގައި/ފޮޓޯ: ޓުވިޓާ

އެހެން ނަމަވެސް މުބާރާތުގެ ކުރިން ޓީމުން ކުޅުނު މެޗުތަކުން ފެނުނު ކުޅުމުގެ ސަބަބުން އިންގްލޭންޑްގެ ސަޕޯޓަރުން ތިބޭނީ ހާސްވެފައެވެ. މިގޮތުން ޖެހި ޖެހިގެން ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މޮޅެއް ވެސް ނުލިބުނު އިރު މީގެ ތެރެއިން ފަސް މެޗުގައި އިންގްލޭންޑަށް ގޯލެއް ވެސް ނުޖެހެއެވެ.

ވޭލްސް

މިއީ 64 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ވޭލްސް ވޯލްޑްކަޕް މުބާރާތުން ފެންނަ ފުރަތަމަ ފަހަރެވެ. ޕްލޭ އޮފް މެޗުގައި ޔޫކްރެއިން ބަލިކޮށް މުބާރާތަށް ވޭލްސް ހޮވުނު އިރު އެންމެ ފަހުން އެގައުމު ވޯލްޑްކަޕުން ފެނުނީ 1958 ވަނަ އަހަރެވެ. އެއަހަރުގެ ވޯލްޑްކަޕްގައި ވޭލްސް މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރިއެވެ.

ވޭލްސްގެ ކުޅުންތެރިން ގަތަރުގައި ތަމްރީނުކުރަނީ/ފޮޓޯ: ޓުވިޓާ

ދުނިޔޭގެ ނަން މަޝްހޫރު މާ ގިނަ ކުޅުންތެރިން ވޭލްސްގެ ސްކޮޑްގައި ނުހިމެނުނު ނަމަވެސް ކެޕްޓަން ގެރެތް ބޭލްއަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ ކުޅުންތެރިއެކެވެ. އަދި ބޭލްގެ ފޯމަކީ ވެސް ޓީމަށް މުހިންމު އެއްޗަކަށްވާނެ އިރު ވޭލްސްގެ ޓީމަކީ ނެތް ހުނަރު ހިތްވަރުން ދައްކާ ދަނޑުމަތީގައި ކާމިޔާބު ހޯދަން މަޝްހޫރުވެފައިވާ ޓީމެކެވެ.

އީރާނު

މިއީ އީރާނު ވޯލްޑް ކަޕް މުބާރާތުގައި ވާދަކުރާ ހަ ވަނަ ފަހަރެވެ. މީގެ ކުރިން ވާދަ ކުރި ފަސް ފަހަރު ވެސް ގްރޫޕް ސްޓޭޖުން ކެޓި އިރު މިފަހަރުގެ މުބާރާތުން ވެސް އެޓީމުން މާ ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ޕަންޑިޓުން ނުދެކެއެވެ.

އީރާނު ވޯލްޑް ކަޕަށް އައި އަވަށްޓެރި އީރާގު ބަލިކުރުމަށް ފަހު/ފޮޓޯ: ގޫގަލް

ގްރޫޕްގެ އެހެން ޓީމުތައް ފަދައިން އީރާނުގެ ޓީމުގައި ނަން މަޝްހޫރު ކުޅުންތެރިން ނެތް އިރު މިއީ ކާލޯސް ކުއިރޯޒްގެ ކޯޗުގެ ކަމުގެ ދަށުގައި އީރާނުން ކުޅޭ ތިން ވަނަ މުބާރާތެވެ. އަދި އުއްމީދަކަށް ވާނީ ކުރީ ދެ މުބާރާތާ ހިލާފަށް މި މުބާރާތުގައި ގްރޫޕް ސްޓޭޖް ކަނޑަތުކޮށް ދެވަނަ ބުރަށް ދެވުމެވެ.

އެމެރިކާ

އެމެރިކާއަކީ ކުޅިވަރުގެ މުބާރާތްތަކުގައި އެންމެ ކުރީގައި އުޅޭ އެއް ގައުމަށް ވީ ނަމަވެސް ފުޓްބޯޅައަކީ އެމެރިކާއާ އެންމެ ދުރު ކުޅިވަރޭ ބުނުން ދޮގަކަށް ނުވާނެއެވެ.

މުބާރާތުގެ ކުރިން އެމެރިކާގެ ޓީމުން ދަނޑުތަކަށް ޒިޔާރަތް ކުރަނީ/ފޮޓޯ: ޓުވިޓާ

އެހެން ނަމަވެސް މިއަހަރު އެމެރިކާއިން ގަތަރަށް ގެންދާ ޓީމަކީ ފަހުގެ ތާރީހެއްގައި އެގައުމުން ނެރޭ އެންމެ ހުނަރުވެރި އަދި އެންމެ ޒުވާން އެއްޓީމެވެ. މީގެ ތެރޭގައި ޕްރިމިއާ ލީގުގެ ޓީމުތަކަށް ކުޅޭ ކުޅުންތެރިންގެ އިތުރުން އެމެރިކާގެ ލީގުގެ ނަން މަޝްހޫރު ކުޅުންތެރިން ވެސް ހިމެނެއެވެ.

މުބާރާތުގެ ކުރިން ޕަންޑިޓުން ބުނަނީ ގަތަރު 2022 ގައި އެމެރިކާގެ ޓީމު ވިދާލާނެ ކަމަށެވެ.