ބީއެމްއެލް އިން އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.

ބީއެމްއެލުން ބުނީ، އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އަލުން ހުޅުވާލާފައިވާ ކަމަށާއި ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިއުންތަކާއެކު ބީއެމްއެލަށް އީމެއިލް ކުރެވޭނެ ކަމަށެވެ.

ސްޓިމިއުލަސް ލޯންގެ ދަށުން ވިޔަފާރިތަކަށް 7 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި މި ލޯނަށް ކަނޑައަޅާފައި ވަނީ 6 ޕަސެންޓްގެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ. ހަމައެއާއެކު މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

އީއައިބީ ކޮވިޑް ރިލީފް ލޯނު އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ފަރާތްތަކަށް މި ލޯނަށް ޝަރުތު ހަމައެއް ނުވާނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

މި ލޯނަށް އެދި ހުށަހެޅޭނެ މުއްދަތަކީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން 2020 ވަނަ އަހަރު ނޮވެންބަރު މަހު ވަނީ އެކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކޮށްފައެވެ.