އެހެން ގައުމުތަކާ އަޅާ ބަލާއިރު، ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުން އާބާދީގެ ނިސްބަތުން ހަތަރުވަނަ އަށް އެންމެ ގިނައީ ރާއްޖޭގައި ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި އިމްރާން ވިދާޅުވީ، މިއީ ހައިރާން ވާން ޖެހޭ ވަރުގެ އަދަދެއް ކަމަށެވެ. ބަންދުގައި ތިބި މީހުންގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ އިމްރާން ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ބަންދުކުރެވޭ މީހުންގެ ނިސްބަތެވެ.

"ގާތްގަނޑަކަށް ކުށްކުރާ މީހުންގެ ތެރެއިން ޖަލުގައި ބަންދުކުރެވޭ 70-65 އިންސައްތަ އަކީ މަސްތުވާތަކެއްޗާ ގުޅިފަ ހުންނަ މައްސަލަތައް." އިމްރާން ވިދާޅުވިއެވެ.

އިމްރާން ފާހަގަކުރެއްވި ގޮތުގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ ތެރެއިން މުޅިންހެން ރަނގަޅުވެ، މުޖުތަމައަށް އަލުން ނެރެވެނީ 45-35 ޕަސެންޓާ ދެމެދުގެ މީހުންނެވެ. އޭނާ ވިދާޅުވީ، ދިގު މުއްދަތަކަށް މަސައްކަތްކޮށްގެން ނޫނީ 65 ޕަސެންޓު މީހުން މަސްތުވާތަކެތީގެ ވަބާ އިން ރަނގަޅުކުރެވެން ނެތް ކަމަށެވެ.

މިހާރު ވެސް 1،500 އާއި 2،000 އާ ދޭތެރޭގެ އަދަދަކަށް ކުށްވެރިން ޖަލުތަކުގައި އުޅެމުންދާއިރު، މިހާރު އަމަލުކުރަމުންދާ ނިޒާމުގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި މީހުންނަށް ފަރުވާ ދެވި، މުޖުތަމައަށް ނެރުމުގެ ފުރުސަތު ހަނި ކަމަށް އިމްރާން ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ޕްރިޒަންގެ ވިސްނުމެއް، ގޮންޖެހުމަކީ ބަޖެޓު

އެ އަދަދުތައް މަދުކޮށް، އަދަދުތަކަށް ބޮޑު ބަދަލެއް ގެނައުމަށްޓަކައި، މި ސަރުކާރު ފެށުނީއްސުރެ އިންޑަސްޓްރިއަލް ޕްރިޒަންގެ ކޮންސެޕްޓަކާއި ޑިޒައިނެއް އެކުލަވާލާ ހަދާފައި ވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާލުވީ، ބައެއް އެހެން ބޭރު ގައުމުތަކުގައި ވެސް އިންޑަސްޓްރިއަލް ޖަލުތައް ތަޖުރިބާކުރަމުންދާ ކަމަށެވެ. އަދި އިންޑަސްޓްރިއަލް ޖަލެއްގެ ކޮންސެޕްޓް ތައާރަފްކުރުމުން، ޖަލު ބަންދުގައި ތިބި ގައިދީންގެ އަދަދުތައް މަދުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވި ގޮތުގައި، އެ ވިސްނުމުގައި ހުކުމުގެ މުއްދަތުގައި ގިނަ ދުވަހު ބަންދުގައި ބޭތިއްބުމުގެ ބަދަލުގައި ވިސްނުން އޮތީ:

  • ގައިދީން ވަކި ސަރަހައްދަކަށް ދޫކޮށްލައި، މަސައްކަތްކުރާނެ ފުރުސަތު އެ މީހުނަށް ދިނުމަށް
  • އާމްދަނީ ލިބޭނެ ފުރުސަތު ގައިދީންނަށް ފަހިކޮށްދިނުމަށް
  • އެ މީހުންގެ ހުނަރު ތަރައްގީ ކުރުމަށް

ނަމަވެސް، މިކަމަށް އޮތް ގޮންޖެހުމަކީ ބަޖެޓު ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން ބޭނުންވާ ވަރަށް ކައިރިއަށް ޕްރޮޖެކްޓްގެ (އިންޑަސްޓްރިއަލް ޖަލުގެ) މަސައްކަތް ކުރިއަށް ނުގެންދެވިގެން މި އުޅެނީ [ބަޖެޓުގެ ދަތިކަމާ ހެދި]، އެހެން ނަމަވެސް ކޮންސެޕްޓާއި ޑިޒައިން އަޅުގަނޑުމެންގެ އަތުގަ އެބައޮތް."
އިމްރާން އަބްދުالله | ހޯމް މިނިސްޓަރު

އެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރެވިއްޖެ ނަމަ، އަދަދުތައް މަދުކޮށް، ގައިދީން ރަނގަޅުކޮށް އަނބުރާ މުޖުތަމައަށް ގެނެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި ކުރެވޭނެ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

"ބަޖެޓުގެ ތެރެއިން ޖާގަ ލިބިގެން އެކަން އަޅުގަނޑުމެންނަށް ކުރެވިއްޖިއްޔާ އެ ބަދަލު ފެނިގެން ދާނެ. މުހިންމު ކަމެއް، ރާއްޖޭގެ ސޯޝަލް ސެކްޓަރު ރަނގަޅުކުރުމަށްޓަކައި ހަމަ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގަ އަޅުގަނޑު ގަބޫލުކުރަނީ."