މިއަދު ވެސް ޓެކްސް ބިލަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލި މައްސަލައާއި ރިޔާސަތުގައި އިންނަވައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ ބައެއް މެންބަރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޖަލްސާ ނިންމަވާލެއްވުމަށް ފަހު އިއްޔެއެކޭ އެއްގޮތަށް މިއަދު ވެސް ޓެކްސް ބޮޑުކުރާ ބިލަށް ވޯޓަށް ނޭހުމުން، މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި އޭގެ ތެރެއިން ބައެއް މެންބަރުން ރިޔާސަތުގެ ކުރި މައްޗަށް އެއްވި އިރު، އެހެނިހެން މެންބަރުންގެ ތެރެއިން 30 މެންބަރަކު ރައީސް އަރިހަށް މުލީއާގެ އަށް ވަޑައިގެން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ދަ ޕްރެސް"ގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު، އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮމިޓީ ރިޕޯޓަށް ބަހުސް ކުރާނެ މެންބަރަކު ނެތިއްޔާ އޮންނާނީ ބިލުގެ ތިންވަނަ ކިޔުމަށް ދިއުން ކަމަށެވެ. ނަމަވެސް އިއްޔެ ރިޔާސަތުން ގަވައިދާ ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަޔަކު ނެތީމަ ބަހުސް ނިންމާލީ. ބަހުސް ނިމުނީމަ ވެސް ކޮމިޓީ ރިޕޯޓުގެ ބަހުސް ދިގު ދަންމައިގެން އެ ގެންދަވަނީ. އެއީ މީގެ ކުރީގަ އަމަލުކުރެވޭ ގޮތެއް ނޫން. ވަގުތެއް އޮވޭ ކޮމިޓީ ރިޕޯޓަށް ބަހުސްކުރަން. ބަހުސްކުރާނެ ބަޔަކު ނެތިއްޔާ ދެން އެމީހުން ނިމުނީމަ ވޯޓަށް އަހަން ޖެހޭނީ. އެހެންވީމަ ތިންވަނަ ކިޔުން ނިންމާފަ މިއަދު ވޯޓަށް ދާން ޖެހޭނެ."
އަސްލަމް

ނަޝީދާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ، ނަޝީދަކީ ޕާޓީގެ ރައީސަށް ވީތީ ހުރިހާ މެންބަރުން ވެސް އިހްތިރާމް ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ނަޝީދު ނިންމަވާ ނިންމެވުންތަކަށް މާ ބޮޑަށް ދެބަސް ނުވެ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭތޯ މެންބަރުން ބައްލަވައެވެ.

މިއަދުގެ ޖަލްސާ އާ ގުޅިގެން އަސްލަމް އިތުރަށް ވިދާޅުވީ، ވޯޓަށް އައްސަވާ ގަޑި 1:30 އަށް ފަސްކޮށް ބަހުސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ބައެއް މެންބަރުން ތިއްބެވީ ރިޔާސަތުން ޓެކްސް ބިލަށް ވޯޓަށް އައްސަވާ ނަމަ ބަހުސްކުރަން އޮތް ފުރުސަތު ދޫކޮށްލައްވާ ގޮތަށް ކަމަށެވެ.

"އެހެން ގޮސް ވަރަށް ގިނަ އޮޕްޝަންތައް ހުރި ވޯޓަށް އެހޭނެ، އެހެންނަމަވެސް އެއިން އޮޕްޝަންތަކަށް ވެސް ވިސްނަވާލުމެއްނެތި މަޖިލިސް ނިންމަވާލެއްވީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ބިލަށް ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް އަވަސްވާނެ ވަރަކަށް ޖާގަ ނުލިބޭ ކަމަށެވެ. ޓެކްސް ބިލަށް ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި ބިލް ގާނޫނަކަށް ހަދައި އަންނަ ޖެނުއަރީގައި އަމަލުކުރަން ވިސްނާފައި އޮތް އިރު އަވަހަށް ފާސްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަސްލުގަ އެދެމުން ދިޔައީ ވީހާ ވެސް އަވަހަކަށް މީތި ނިންމަން. އެހެންނަމަވެސް އެ ދިގުލައިގެން ދާ ގޮތަށް ކުރިއަށް އެ ގެންދިޔައީ."
އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ބައެއް ފަހަރު މެންބަރުން ބަހުސް ކުރައްވަމުން ގެންދަވާއިރު، ނުވަތަ މެންބަރުން ވާހަކަ ދައްކަވައި ނިންމަވާލެއްވުމުން، ބިލަށް ނުވަތަ މައްސަލަ އަށް ވާހަކަފުޅު ދައްކަވައެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެއީ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

އޭގެ އިތުރުން، ރިޔާސަތުގައި އިންނަވައި ނަޝީދު ބައެއް އަމަލުތައް ބަހައްޓަވާ ގޮތުން މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ. އަސްލަމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ވަޑައިގެން މެންބަރުން ފާޅުކުރެއްވީ މިފަދަ ކަންބޮޑުވުންތަކެވެ.

"އަބަދުވެސް ވިދާޅުވަމުން ގެންދެވީ މަޖިލިހުގެ ގަވާއިދަށޭ ތިމަން މަނިކުފާނު އަމަލުކުރައްވަމުން ގެންދަވަނީ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ މަޖިލިހުގެ ގަވައިދުން ވެސް އަދި މަޖިލިހުގައި އަމަލުކުރާ އުސޫލުތަކުން ވެސް ބޭރަށް ވަޑައިގެންނެވޭތަން. އެހެންވީމާ މި ކަންބޮޑުވުންތައް މެންބަރުން [ރައީސް އަރިހު] ފާޅުކުރެއްވީ." އަސްލަމް ވިދާލުވިއެވެ.

ނަޝީދާ މެދު އެއްވެސް ފިޔަވަޅެއް އެޅުމަށް ޕާލިމަންޓްރީ ގްރޫޕުން މަޝްވަރާ ކުރަމުން ދޭތޯ ސުވާލުކުރުމުން އަސްލަމް ވިދާޅުވީ، ނަޝީދަށް ފިޔަވަޅު އެޅުމާ މެދު މެންބަރުންގެ ހިޔާލުތައް ތަފާތު ކަމަށެވެ. އެގޮތުން ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމާ މެދު ވެސް މެންބަރުންގެ ހިޔާލުތައް ތަފާތު ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެކި ބޭފުޅުން އެކި ކަހަލަ ހިޔާލުތައް ފާޅުކުރައްވާ. ވަރަށް ގިނަ ބޭފުޅުން ވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަންވީ ކަމުގަ ވެސް. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގަ އެކަން ކުރާނެތޯ ނުވަތަ ނޫންތޯ އެއްބަސް ނުވެވޭ. ރައީސް ނަޝީދަށް އިގްތިރާމް ކުރުމުގެ ގޮތުން، ޕާޓީގެ ރައީސް ކަމަށް ވާތީ އަޅުގަނޑުމެންނަށް ދެވުނު ހުރިހާ ހައިސިއްޔަތެއް ރައީސް ނަޝީދަށް ދީގެން ކުރިއަށް ދެވޭތޯ އަޅުގަނޑުމެން ބަލަނީ" އަސްލަމް ވިދާޅުވިއެވެ

އިއްޔެގެ ޖަލްސާ މެދުކަނޑާލާފައި އަލުން ފެށިއިރު، ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހު ހިމެނޭ ބިލަށް ބަހުސްކުރުމަށް ފުރުސަތު ހުޅުވާލައްވާފައެވެ. ނަމަވެސް އެއްވެސް މެންބަރަކު ބަހުސްކުރަން އެދިވަޑައިނުގަތުމުން ދެން އޮންނަ އުސޫލަކީ ވޯޓަށް އެހުމެވެ.

އަންނަ ޖެނުއަރީން ފެށިގެން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް، އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.