ޗައިނާގެ ކޮވިޑް ޒީރޯ ސިޔާސަތާ ހުރެ، އެ ގައުމުގައި ހުންނަ އެޕަލް ފޯން އެސެމްބަލް ކުރާ ފެކްޓަރީ ލޮކްޑައުން ކުރުމާއެކު ސަޕްލައި އަށް ބުރޫ އަރާފައި ވާ މައްސަލަ ހައްލު ކުރަން އިންޑިއާގައި ހުންނަ ފެކްޓަރީ ފުޅާ ކުރަން ނިންމައިފިއެވެ.

ޓައިވާނަށް ނިސްބަތްވާ ފޮކްސްކޮން ފެކްޓަރީ އަކީ އެޕަލް ފޯން އެސެންބަލް ކުރާ ދުނިޔޭގެ އެންމެ ބޮޑު ކާރުހާނާއެވެ. ޗައިނާގައި ހުންނަނީ އެ ކުންފުނީގެ އެންމެ ބޮޑު ފެކްޓަރީ ކަމަށް ވާއިރު އެ ތަނަކީ ދުނިޔޭގެ މުޅި ސަޕްލައި އަށް ބޭނުންވާ އައިފޯންގެ 70 ޕަސެންޓް އެސެންބަލް ކުރާ ފެކްޓަރީއެވެ.

ޗައިނާއިން ގެންގުޅޭ ކޮވިޑް ޒީރޯ ސިޔާސަތުގެ ދަށުން ކޮވިޑްގެ އަލާމާތެއް ފެނިއްޖެ ނަމަ ލޮކްޑައުން ނުކޮށް ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ. އެ ސިޔާސަތާ ދެކޮޅު ހަދާ މީހުންނަށް ހަރުކަށި އަދަބު ދޭ އިރު، ބޮޑެއް ކުޑައެއް އިސްތިސްނާއެއް ނުކުރެއެވެ.

ޗައިނާގެ ފޮކްސްކޮން ފެކްޓަރީ ލޮކްޑައުން ކުރުމާއެކު، ފޯން ލިބުމުގައި ބޮޑު ލަސްވުމެއް އަންނާނެ ކަމަށް އެޕަލްއިން އިއުލާން ކޮށްފައި ވަނިކޮށް، ފޮކްސްކޮން އިން އިންޑިއާ ފެކްޓަރީގެ މުވައްޒަފުން 4 ގުނަ ކުރަން ނިންމުމުން، ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެ ކަމަށް ބެލެވެއެވެ.

އަދި މި އަވާޒަށް ވާސިލުވުމަށް މަދުވެގެން 2 އަހަރު ނަގާނެ ކަމަށާއި ނަމަވެސް މިހާރުންސުރެ ފެށިގެން އެ މަސައްކަތް ފަށާފައި ވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ބަދަލު ގެނައުމާއެކު އިންޑިއާގެ ފޮކްސްކޮން ފެކްޓަރީގައި 70،000 މުވައްޒަފުން މަސައްކަތް ކުރާނެއެވެ.

ޗައިނާގައި ހުންނަ ފެކްޓަރީގައި މިހާރު 200،000 މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް އިންޑިއާ ފެކްޓަރީގެ ސައިޒް ކުޑަވުމާއެކު، އެ ބަދަލު ނުގެނެސް މުވައްޒަފުން އިތުރެއް ނުކުރެވޭނެއެވެ. ފޮކްސްކޮން އިން އިންޑިއާގައި ފެކްޓަރީ ހެދީ 2019 ވަނަ އަހަރުއެވެ.