ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ އިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ތިބޭނީ ދިވެހި ޕްރިންސިޕަލުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން ދާއިރާގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މުހިއްމު އެއް ސިޔާސަތަކީ ކޮންމެ ރަށެއްގެ ސްކޫލްގައި ވެސް އެ ރަށަކަށް ނިސްބަތްވާ ދިވެހި ޕްރިންސިޕަލަކު ހުރުން ކަމަށެވެ.

އެހެންކަމުން އެ ގޮތަށް ހަމަޖެހިގެން ދިޔުމުގެ ސަބަބުން ރަށުގައި އޮންނަ އިޖުތިމާޢީ ގުޅުމުގެ ތެރެއިން ކުދިންގެ ކަންކަން ހަމަޖެއްސުމަށް ފަސޭހަވެ އިތުރު ފައިދާތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު އަތޮޅުތެރޭގެ ސްކޫލްތަކުގައި މިހާރު ތިބި ބިދޭސީ ޕްރިންސިޕަލުންގެ ބަދަލުގައި 18 ދިވެހި ޕްރިންސިޕަލުން ސްކޫލްތަކާ އަލަށް ގުޅޭނެ ކަމަށެވެ.

މިއާއެކު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ދިވެހި ޕްރިންސިޕަލުން ހަމަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ސަރުކާރުން ނިންމީ، މިދައުރު ނިމެންވާއިރަށް ހުރިހާ ސްކޫލްތަކަށްވެސް ދިވެހި ޕްރިންސިޕަލުންލާން. އެގޮތުން ސްކޯލަރޝިޕް ސްކީމެއް ހަދާފައި، 18 ބޭފުޅަކު ތަމްރީންވަމުން އެބަދޭ ޕްރިންސިޕަލުންނަށް ވުމަށްޓަކައި. އަންނަ އޭޕްރީލްގައި އެބޭފުޅުން ނިމިގެން އަންނާނެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

މި އަމާޒަށް މަސައްކަތް ކުރި ނަމަވެސް މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ މިންވަރަށް ތަމްރީން ލިބިފައިވާ ގާބިލު ދިވެހި ޕްރިންސިޕަލުން ނުލިބުން ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.