ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ގދ. ގައްދޫ، ނޫރީގެ، ޢުމުރުން 37 އަހަރުގެ އަލީ ޝަޒީނު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
ފުލުހުން ބުނީ، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިއީ ގދ. ގަމުގައި އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން، ކޯޓު އަމުރެއްގެ ދަށުން އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކަކާއި ބަނގުރާ ވަނީ ފެނިފައެވެ.
މި މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ވަނީ އޮގަސްޓު 10، 2021 ވަނަ ދުވަހުއެވެ. އަދި ފުލުހުން މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ ސެޕްޓެމްބަރު 1، 2021 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަލީ ޝަޒީނުގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
ޝަރީއަތުން މައްސަލަ ބެލުމަށްފަހު، އޭނާގެ މައްޗަށް ދައުލަތުން އުފުލި މި ދެ ދައުވާ ވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.
