އިންޑިއާގެ ބިހާރަށް ނިސްބަތްވާ އުމުރުން 62 އަހަރުގެ ދަރަމްދޭވް ރާމް ފެން ނުވަރާތާ 22 އަހަރު ވެއްޖެ ކަމަށް އޭނާ ބުނެފިއެވެ.

އޭނާ ފެން ނުވަރަނީ އޭނާ އަމިއްލަ ނަފްސަށް ވެގެން ހުރި ވައުދެއްގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. އޭނާ އަމިއްލަ ނަފްސަށް ވައުދުވީ އަންހެނުންނަށް ކުރާ އަނިޔާތަކާއި، ބިމުގެ މައްސަލަތައް ދިމާވުމުގެ އިތުރުން ކުށެއް ނެތް ޖަނަވާރު މެރުން ނުހުއްޓުވަނީސް ފެން ނުވެރުމަށެވެ.

އެ އަވަށުގައި އުޅޭ އެންމެންނަށްވެސް އޭނާ ފެންނުވަރާ އުޅޭތާ 22 އަހަރުވެއްޖެ ކަން އެނގޭނެ ކަމަށާއި އޭގެ ސަބަބުން އެކަކުވެސް އޭނާ އަށް އެއްޗެހި ނުކިޔާ އޭނާގެ ނިންމުމަށް އެއްބާރުލުން ދޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ފެން ނުވަރާ އެހާ ދުވަސް ވެގެން ދާއިރު ވެސް ފެންނަ ފެނުމަށް އޭނާގެ ސިއްހަތު ރަނގަޅު ކަމުން އެތައް ބަޔަކު ހުންނަނީ ހައިރާންވެއެވެ.

ސާފުތާހިރު ނުވާތީ ޖެހޭ ބަލިތައް ވެސް އޭނާ އަށް ނުޖެހޭ ކަމަށާއި ބޮޑެތި ބަލިތައް އަވަށަށް ފެތުރޭއިރުވެސް އޭނާ އަށް ބަލި ނުޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ބޮޑެތި މައްސަލަތަކަށް ނިމުމެއް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ހުރި ދަރަމްދޭވް ބުނީ އޭނާ ފެން ވަރާނީ އެ މައްސަލަތަކަށް ހައްލެއް ލިބުމުން ކަމަށެވެ. މަރުވާ އިރުވެސް އެ މައްސަލަތަކަށް ހައްލެއް ނުލިބެންޏާ ފެން ނުވަރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.