ރާއްޖެއާއި މޮރިޝަސް އާ ދެމުދު އިން ވަކިކުރުމުގެ މައްސަލަ ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ކޯޓުގައި ހިނގާ އިރު ފުށޫ އަރާ އިންވެސް އަދި އިމުން ތަންކޮޅެއްވެސް ދޫކޮށްލުމަށް ރުހުމަކީ ގަވައިދާ ހިލާފު މަސްވެރިކަމަށް ރާއްޖެއިން ރުހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗާގޯސް އައިލޭންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް އަންގަވާފައި ވާއިރު، މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް ވޮލަންޓިއާ ކޮށް މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު މުޅިން ސާފު ނުވާ އިރު، ދެ ގައުމުގެ އިން ވަކި ކުރާ ހިސާބުގައި ފުށޫ އަރާ 4000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް އެބައޮތެވެ.

ރާއްޖެއިން ބުނަނީ ކަނޑުތަކާ ބެހޭ ކޯޓުގައި ރާއްޖެއިން ވަކާލާތު ކުރަނީ، އިންޗިއެއްވެސް ދޫނުކުރާން ކަމަށެވެ. ނަމަވެސް އެ އިންޗިއަކީ ކިހާ ސަރަހައްދެއްކަން ސާފު ނުވާއިރު މިކަމުގައި ނަޝީދު ވިދާޅުވީ، އިމުން ބައެއް ދޫކޮށްލުމުން، އެ ސަރައްހަދުގައި ދާ އަޅައިގެން މަސްވެރިކަން ކުރަން ޜާއްޖެއިން ރުހެވެނީ ކަމަށާއި އެފަދަ މަސްވެރިކަމަށް މަނާކޮށްފައި އޮތް އިންޑިއާކަނޑުގެ ހަމައެކަނި ސަރަހައްދަކީ މިހާރު އެއީ ކަމަށެވެ. މިއާ ހިލާފަށް ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ދޮށީގެ މަަސްވެރިކަން ކުރާ ގައުމެއް ކަމަށާއި މޮރިޝަސް އަށް އެސަރަހައްދު ދޫކޮށްލުމުން އެފުރުސަތު ވެސް ރާއްޖެއަށް ގެއްލޭނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ޗާގޯސްގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށާއި އެ ސަރަހައްދު ދާއިމީ ގޮތެއްގައި ބެލެހެއްޓުމަށް ރާވަން ޖެހޭ އިންތިޒާމުތައް ރޭވުމަށް ރާއްޖޭގެ ސަރުކާރާ އެކު އިނގިރޭސި ސަރުކާރުން މަޝްވަރާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއްގައި ޗާގޯސް އާކިޕެލަގޯ ހިމާޔަތް ކުރުމަށް އިންޑިއާ، ލަންކާ، މޮރިޝަސް، ސީޝެލްސް އަދި ރާއްޖެ ހިމެނޭހެން ހުރިހާ ފަރާތަކުން އެއްބަސްވުންވެސް މުހިންމު ކަމަށް ނަޝީދު ވިދާޅުވެއެވެ.