ދުނިޔޭގެ އެންމެ ބޮޑު ކޮފީ ޗެއިންގެ ކޯ ފައުންޑަރު ޒެވް ސިގްލް ބެންގަލޫރުގައި ހުންނަ ސައުންތް އިންޑިއަން ރެސްޓޯރަންޓެއް ކަމަށްވާ ވިދްޔާތީ ބަވަންއަށް ގޮސް އެ ރެސްޓޯރަންޓުން އޭނާ ކެއި މަސާލާ ޑޯސާއަށް ތިން ތަރީގެ ރޭޓިންއެއް ދީފިއެވެ.
މި މަހުގެ 2 އިން 4 އަށް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށް ގެންދިޔަ ގްލޯބަލް އިންވެސްޓާސް މީޓް 2022 ގައި ބައިވެރިވުމަށް ބެންގަލޫރަށް ގޮސް ސިގްލް އެ ރެސްޓޯރަންޓަށް ގޮސްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެ ދުވަހު ސިގްލް ނެގީ މަސާލާ ޑޯސާ ތަށިގަނޑަކާއި ޓްރެޑިޝަނަލް ފިލްޓާ ކޮފީ ތައްޓެކެވެ.
1943 ވަނަ އަހަރު ހުޅުވި ސައުތު އިންޑިއަން ވެޖިޓޭރިއަން ރެސްޓޯރަންޓް ވިދްޔަރްތީ ބަވަން އިން ވަނީ ސިގްލް އެ ރެސްޓޯރަންޓަށް ޒިޔާރަތް ކުރި ދުވަހުގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ، ސްޓާބަކްސްގެ ކޯ ފައުންޑަރު ޒެވް ސިގްލް މިއަދު ހަވީރު އެ ރެސްޓޯރަންޓަށް އައުމުން ވަރަށް އުފާވި ކަމަށެވެ. ސިގްލް ވަނީ މަސާލޭ ޑޯސާ އާއި ކޮފީ ބޮއެފައި ކަމަށާއި އަދި އޭނާ ވަނީ އެ ރެސްޓޯރަންޓްގެ ގެސްޓް ފޮތުގައި ވެސް މެސެޖެއް ލިޔެފައި ކަމަށް ބުނެފައި ވެއެވެ.
ސިގްލްގެ މެސެޖުގައި ވަނީ އެ ރެސްޓީރަންޓުގެ މަޝްހޫރު ކެއުމާއި ކޮފީ އަދި އޭނާއަށް ކިއި ހޫނު މަރުހަބާ ފާހަގަ ކޮށްފައެވެ. އަދި އެ އުފާވެރި ތަޖުރިބާ އެމެރިކާގެ ސިއޭޓަލް އަށް ގެންގޮސް ދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. ސިގްލް ވަނީ އޭނާގެ ނޯޓަށް ތިން ތަރި ވެސް އިތުރު ކޮށްފައެވެ.
އިންސްޓަގްރާމްގައި ހިއްސާ ކުރި މި ޕޯސްޓް މިހާރު ވައިރަލް ވެފައިވާ އިރު، އެ ޕޯސްޓަށް ވަނީ 5500 އަށް ވުރެ ގިނަ ލައިކް ވެސް ލިބިފައެވެ. އަދި އެ ޕޯސްޓްގައި ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވާ އިރު ފިލްޓާ ކޮފީ ސިގްލް ބުއިމުން ހައިރާންވި އެތައް ބަޔަކުވެސް ހިމެނެއެވެ. އަދި ފިލްޓާ ކޮފީ ސްޓާބަކްސް އިން ދެން ލިބެން ހުރެދާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
1971 ވަނަ އަހަރު ސްޓާބަކްސް އުފެއްދި ޒެވް ސިގްލް ވަނީ ސްޓާބަކްސްގެ ނައިބު ރައީސްކަމާއި ޑިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފައެވެ. ގްލޯބަލް އިންވެސްޓާސް މީޓް 2022"ގެ ބައިވެރިއެއްގެ ގޮތުގައި ބެންގަލޫރުގައި މިހާރު އޭނާ ހުރީ އޭނާ އެއްކޮށްފައިވާ ތަޖުރިބާގެ މައްޗަށް ބިނާކޮށް އޭނާގެ އެންޓަޕްރަނާޝިޕް އިންސައިޓްސް ހިއްސާ ކުރުމަށެވެ.