އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާ އެކު އެޑިއުކޭޝަން މިނިސްޓްރީގެ ބައްދަލުވުމަށް ގަޑިއަށް ގޮސް ވަދެވުނީ އެ ސްކޫލްގެ ޕީޓީއޭގެ ދެ މެންބަރުންނަށް ކަމަށާއި އަދި ދީފައިވާ ގަޑިއަށް ވުރެ ފަސް މިނެޓް ލަހުން ދިޔަ މެންބަރުންނަށް އެ ބައްދަލުވުމަށް ވަނުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް އެ ސްކޫލްގެ ބެލެނިވެރިން ބުނެފިއެވެ.

އަރަބިއްޔާ ސްކޫލާ ގުޅުން ހުރި މައްސަލަތަކާ އެކު އެ ސްކޫލްގެ ބެލިވެރިން ކަންބޮޑުވުން ފާޅުކޮށް އިއްޔެ އާއި މިއަދު ކުރިއަށް ގެންދިޔަ އިހްތިޖާޖުގައި މިނިސްޓްރީއާ ބައްދަލު ކުރުމަށް ވަނީ އެދިފައެވެ. އެ ގޮތުން އެ މިނިސްޓްރީން ވަނީ މިނިސްޓަރާ ބައްދަލުކުރުމަށް ދިން ފުރުސަތު ހާމަކޮށް ބެލެނިވެރިންނަށް އެންގީ މިއަދު މެންދުރު ފަހު 2:35 ގައި ކަމަށާއި އަދި އެ ބައްދަލުވުން އޮތީ 2:45 ގައި ކަމުން ބައްދަލުވުމަށް ދާން އެޕޮއިންޓްމަންޓްގެ މައުލޫމާތު ހިއްސާ ކޮށްފައި ވަނީ ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމަށް ބުނެ ބެލނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަދު 2:45 ގައި ފެއްޓި މި ބައްދަލުވުމުގައި ބައިވެރިވެވުނީ އެ ސްކޫލްގެ ޕީޓީއޭގެ ދެ ފިރިހެން މެންބަރުންނަށް ކަމަށް ބެލެނިވެރިން ބުނެއެވެ. ދެން ތިބި މެންބަރުން ބައްދަލުވުމަށް ދެވުނީ ފަސް މިނެޓް ލަހުން ކަމުން އެ މެންބަރުން އެ މީޓިންއަށް ވަނުމުގެ ފުރުސަތު ދީފައި ނުވާ ކަމަށް ބެލެނިވެރިން ބުނެއެވެ.

މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަދު މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އަރަބިއްޔާގެ ބެލެނިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައި ކަމަށެވެ. އަދި އެ ސްކޫލްގެ އާ އިމާރާތާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ނަމަވެސް ބެލެނިވެރިންނާ ހިއްސާ ކުރި މައުލޫމާތުތަކުގެ ތަފްސީލް އެޑިއުކޭޝަނުން ދީފައެއް ނުވެއެވެ.

އެ ބައްދަލުވުމުގައި ވަނީ އަރަބިއްޔާ ސްކޫލް އިމާރާތް ކުރާ އިރު އެ ސްކޫލްގެ ޓެރަސްގެ ގޮތުގައި ބޭނުންކުރާ ތަނަކީ ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންނާއި އަރަބިއްޔާ ދަރިވަރުން ބޭނުން ކުރާ ގޮތަށް ހަމަޖެހިފައިވާ ތަނެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވާތީ އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން ވަނީ ހިއްސާކޮށްފައެވެ. އަދި ސަރުކާރުގެ އެހެން ސްކޫލްތަކާއި އަރަބިއްޔާ ސްކޫލާ ތަފާތު ކުރާ ކަމާއި އެހެން ސްކޫލްތައް ބިނާ ކުރަން ބޮޑެތި ބިން ދީފައި ވާ ކަން ފާހަގަ ކޮށް އަރަބިއްޔާ ސްކޫލް އަޅަން ދީފައިވާ ބިމަކީ ކުޑަ ބިމެއްކަން ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ. އަރަބިއްޔާގެ އާ އިމާރާތް އަލާން ދީފައި ވަނީ 18000 އަކަފޫޓުގެ ބިމެކެވެ.

މީގެ އިތުރުން އެޑިއުކޭޝަނުން ބައްދަލުވުމަށް އައުމަށް ދިން ވަގުތު ކުޑަ ކަމާއި އެ ބައްދަލުވުމުގައި ގިނަ ބެލެނިވެރިންނަށް ބައިވެރިނުވެވޭ ގޮތަށް ކަން ކުރުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް ބެލެނިވެރިން ބުނެފައި ވެއެވެ.