އެފްއޭއެމްއިން އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ބޮޑު ދަރަންޏެއްގެ ބަދަލުގައި، އެފްއޭއެމްގެ ހުޅުމާލޭ ބިމުން ބައެއް ދިނީ އެއްބަސްވުމާ ހިލާފަށް ކަމަށް އެޗްޑީސީން ބުނެފިއެވެ.

ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި އެޗްޑީސީން، އެފްއޭއެމްއަށް ދީފައިވާ ބިމެއް އެޕޯލޯއަށް ދީފައެވެ.

އެކަމާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ، އެޗްޑީސީއާއި އެފްއޭއެމްއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން އެއްވެސް ބަޔަކަށް ކޮމާޝަލް އުސޫލުން އެ ބިން ދޫނުކުރެވޭނެ ކަމަށެވެ.

ނަމަވެސް އެފްއޭއެމުން އެ ބިމާ ގުޅިގެން އެއްބަސްވުމަށް ބަދަލުތަކެއް ހުށަހަޅާފައި ކަމަށް އާތިފު ވިދާޅުވިއެވެ.

އާތިފު އިތުރަށް ވިދާޅުވީ، މިކަން ބަލަމުން އަންނަ ކަމަށާއި ނަމަވެސް މިކަމުގައި އަދި ގޮތެއް ނުނިންމާ ކަމަށެވެ

އާތިފް މިހެން ވިދާޅުވެފައިވާއިރު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ، ޑިސެމްބަރު 23، 2021 ގައި އެފްއޭއެމް އާއި އެޕޯލާއާ ދެމެދު ސޮއިކޮށްފައިވާ ސްޓެލްމެންޓް އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާ އާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ވި ޖޫރިމާނާވެސް އެފްއޭއެމްއިން ދައްކަމުން ނުދާތީ އެ ފައިސާ އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި އެޕޯލޯ ކުންފުނިން މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެފްއޭއެމްއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލާގައި އެފްއޭއެމުން ދައުވާއަށް ޖަވާބު ހުށަހަޅާފައި ވަނިކޮށް، އެޕޯލޯގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) ޖާމިނުވެ މި އަހަރުގެ ޖޫން 14 ގައި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެ އޮކްޓޫބަރު 31 ގައި ކޯޓަށް ސިޓީއެއް ފޮނުވި ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޕޯލޯ އާއި އެފްއޭއެމް އާ ދެމެދު ކޯޓުން ބޭރުން އެއްބަސްވެފައި ވަނީ، ފުޓުބޯޅަ ޓްރެއިނިންނަށް ހުޅުމާލެއިން އެފްއޭއެމްއިން ކުއްޔަށް ނަގާފައިވާ ބިމުން 5000 އަކަފޫޓުގެ ބިން، ކުއްޔަކާއި ނުލައި އެޕޯލޯގެ ބޭނުމަށް 25 އަހަރަށް ދޭން ކަމަށާއި އަދި އެ ބިން ދިނުމުން އެފްއޭއެމް އިން އެޕޯލޯއަށް ދަރާފައިވާ 13 މިލިއަނުގެ ދަރަނި ދެއްކުނީ ކަމަށް ބެލުމަށް އެ އެއްބަސްވެފައި ވާ ކަމަށް ވަނީ ބުނެފައެވެ.

ސިވިލް ކޯޓުން ވަނީ އެފްއޭއެމްގެ މައްޗަށް އެހެން ހުކުމެއް ވެސް ކޮށްފައެވެ. އެއީ އޭޑީކޭ ހޮސްޕިޓަލަށް އެފްއޭއެމުން ދައްކަންޖެހޭ 1.7 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.

ކްލަބްތަކުގެ އިތުރުން އެތައް ބަޔަކަށް ދަރައި، އެފްއޭއެމް ވަނީ މާލީ ބޮޑު މައްސަލައެއްގެ ތެރެއަށް ވެއްޓިފައެވެ. އެގޮތުން ސްޓެލްކޯ އަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލުމާއި، އެފްއޭއެމުން ކުޅުންތެރިންނާއި ކޯޗަށް ދޭން ޖެހޭ ފައިސާ ތަކެއް ނުދޭ މައްސަލަަތަކެއް ވެސް ވަނީ ފެންމަތި ވެފައެވެ.