އަމިއްލަ ވިޔަފާރި މަސްލަހަތު ފުށޫއަރާ މައްސަލަ އެއް ބެއްލެވިކަން ސާބިތުވުމުން، ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިޝާރު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލިހަށް ހުށަހެޅި މައްސަލަ ކޮމިޓީ އަށް ފޮނުވައިފިއެވެ.

މަޖިލިހަށް ފޮނުވި ސިޓީގައި ޖޭއެސްސީން ބުނީ، ފުޅަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުން ދިޔަ ގަޒިއްޔާ އަކީ ނިޝާރުގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ، އިޖުރާއަތުތަކާ އެއްގޮތަށް އެ މައްސަލައިން ތަނާޒުލުވެ އެހެން މެޖިސްޓްރޭޓަކު އައްޔަނު ކުރި ފަހުން، އިޖުރާއަތުތަކާ ހިލާފަށް އޭނާ އެ މައްސަލަ ބެއްލުވުމަށް އަމިއްލަ އަށް ހަވާލުވި ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި، ނިޝާރު ދެވަނަ ފަހަރަށް މައްސަލަ ބައްލަވަމުން ގެންދެވި އިރު:

  • އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތުން ނިޝާރަށް ދޭން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ތިންވަނަ ފަރާތެއް މެދުވެރިކޮށް ކޮށްފައިވޭ
  • ދައުވާ ލިބޭ ފަރާތާ ދެމެދު ކުރަމުން ދިޔަ މުއާމަލާތްތަކުގެ ފައިސާ ވަންނަމުން ދިޔައީ ސީދާ ނިޝާރުގެ އެކައުންޓަށް

ވުމާއެކު، ނިޝާރު އެ މައްސަލަ ބައްލަވަމުން ގެންދެވި އިރު ވެސް ދައުވާ ލިބޭ ފަރާތާ ދެމެދު ވިޔަފާރީގެ މުއާމަލާތުތައް ކުރިއަށް ގެންދެވި ކަމާއި، އެ މައްސަލަ ބެލުމުން ތަނާޒުލްވުމަށް ފަހު، އެ މައްސަލަ އަލުން ބެލުމަށް ނިޝާރު އަމިއްލަ އަށް ހަވާލުވެފައި ވަނީ ދައުވާ ލިބޭ ފަރާތާ ދެމެދު މަސްލަހަތު އޮތް ވިޔަފާރި އާ ގުޅިގެން މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ނާޖާއިޒު ފައިދާ ހޯދުމަށް ކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެހެންކަމުން ޖޭއެސްސީން ބަލަމުން ދިޔަ ސުލޫކީ މައްސަލަ ނިޝާރުގެ މައްޗަށް ސާބިތުވެ، ފަނޑިޔާރު ކަމުން އޭނާ ވަކި ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މިއަދުގެ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެ މައްސަލަ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާލައްވައިފައެވެ.