ހަކުރު ބައްޔަކީ މިއަދު ގިނަ ދިވެހިންވެސް ތަހައްމަލު ކުރަމުން އަންނަ ނުރައްކާތެރި ބައްޔެކެވެ. ހަކުރު ބައްޔަކީ ލޭގައި ހަކުރުގެ ލެވެލް މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމް ކޮށްދޭ އިންސޫލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސޫލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގައި އުފެދޭ އުނިކަމެކެވެ.

އަހަރެމެންނަށް ނޭނގެނީ އަހަރެމެންގެ ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ތަކެތީގެ ސަބަބުންވެސް ހަކުރު ބަލި ޖެހޭ ކަމެވެ. އާންމު ދިރިއުޅުން ބަށްޓަން ކުރާ ގޮތަކުން ވެސް ހަކުރު ބަލި ޖެހެން އެކަށީގެން ވެއެވެ.

ކޮފީ އަކީ މިއަދު ދިވެހިންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ޒުވާނުންގެ މެދުގައި ވެސް މަގްބޫލު ކޮފީ އަކީ ކެފެއިން އަށް ސެންސިޓިވް ނުވަތަ އެލާޖިކް ރިއެކްޝަން ހުންނަ ބައެއް މީހުންނާއި ޓައިޕް 2 ޑައިބެޓިކް ޕޭޝަންޓުންގެ ހަކުރު ކުއްލިއަކަށް މައްޗަށް ދާ އެއްޗެއް ކަމަށް ބައެއް ހޯދުންތަކުގައި ބުނެއެވެ. ހަކުރު ނާޅާ ހަމައެކަނި ކަޅު ކޮފީ ބުޔަސް ވެސް އެފަދަ މީހުންނަށް ނުރައްކާ ވެއެވެ. ބައެއް މީހުންނަކީ އުފެދުމުގައި ވެސް ސެންސިޓިވް ބައެއް ކަމުން ކޮފީ ބުއިމުގެ ސަބަބުން ހަކުރު ލެވެލް ކުއްލިއަކަށް މައްޗަށް ދެއެވެ.

ހަމަ ނިދި ނިދުމަކީ ދިރިއުޅުމުގައި ކަންތައްތައް ހުރި ގޮތުން މިއަދު ގިނަ މީހުންނަށް ނުވާ ކަމެކެވެ. ބިޒީ ކަމުން އެތައް ވަގުތެއް މަސައްކަތުގެ މާހައުލުގައި ނުވަތަ ކޮންމެވެސް ކަމެއް ދިމާވެގެން ދަންވަރު މަސައްކަތް ކުރާ ބައެކެވެ. ދެ ތިން ގަޑިއިރު ނިދައިގެން ތިބޭ މީހުންވެސް މިއަދު ވަކި މަދެއްނޫނެވެ. ހަމަ ނިދި ނުނިދުމުގެ ސަބަބުންވެސް ހަކުރު މައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ހަކުރު ބައްޔަކީ ސީރިއަސް ބައްޔެއް، އަވަހަށް ފަރުވާ ހޯދުން މުހިއްމު--

ހެނދުނުގެ ނާސްތާ އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ މުހިއްމު އެއް ކަމެެވެ. ނަމަވެސް ހެނދުނު ނާސްތާ ކުރުން ވެގެން ދަނީ ގިނަ ބަޔަކަށް ބޮޑު ވޭނަކަށެވެ. ހެނދުނު ހޭލައިގެން ކާ މީހުން ބުނާގޮތުގައި ހޭލާގޮތަށް ކެއުމުން ލޮޑުވެ، ހޮޑުލަވައެވެ. އޭގެ ސަބަބުން ހެނދުނު ނުކައި މެންދުރުގެ ކެއުމަށް އިންސާފު ކުރާ ކަމެވެ. ދިރާސާތަކުން ދައްކާގޮތުގައި ހެނދުނުގެ ނާސްތާ ނުކައި މެންދުރު އަދި ރޭގަނޑު ކައިފިނަމަ ހަކުރު ލެވެލް މަތިވެގެން ދެއެވެ.

އޭގެ އިތުރުން ހިރުގަނޑުގެ މައްސަލަތަކުގެ ސަބަބުންނާއި ޑީހައިޑްޓްރޭޓް ވުމުގެ ސަބަބުން ވެސް ހަކުރު ލެވެލް މަތިވެއެވެ.

ހަކުރު ބަލި ޖެހެން މެދުވެރިވާ ބައެއް ސަބަބުތައް:

  • އާއިލާގައި ހަކުރު ބަލީގެ މީހަކު ހުރުން
  • ފަލަވުން
  • ލޭމައްޗަށް ދިޔުން
  • ކޮލެސްޓްރޯލް މައްޗަށް ދިޔުން
  • ދިރިއުޅުމުގައި ފިކުރު ބޮޑުވުމާއި ހާސްކަން ދިމާވުން

ހަކުރުބަލީގެ އަލާމާތްތައް:

  • ވަރުބަލިވުން
  • ކަރުހިއްކުމާއި ފެންބޮވުން
  • އާދަޔާހިލާފަށް ބަނޑުހައިވުން
  • ބަރުދަން ލުއިވަމުން ދިޔުން ނުވަތަ ބަރުދަނަށް ބަދަލު އައުން
  • ގިނަ ގިނައިން ކުޑަކަމުދާން ޖެހުމުގެ އިތުރުން އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން

ފަރުވާ ނުލިބި ގިނަ ދުވަސްވުމުން އިތުރަށް ދިމާވެދާނެ ކަންތައްތައް:

  • ނާރުތަކަށް ގެއްލުން ލިބުމުގެ ސަބަބުން އަތްފައި އައްސިވުން
  • ފާރުކޮޅެއް ޖަހައިފިނަމަ ފަސޭހަވުން ލަސްވުން
  • ލޮލުގެ ފެނުމަށް ދަތިވުން އަދި ލޯފުސްވުން
  • ހަމުގެ ބަލިތައް ޖެހުން
  • ފައިގައި ރަނގަޅަށް ލޭ ދައުރު ނުކުރުމުގެ ސަބަބުން ފައި ހަލާކުވުން
ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ކަސްރަތާއި ރަނގަޅު ކާނާ މުހިންމު

ހަކުރު ބަލި ކޮންޓްރޯލް ކުރުން:

ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަ ކުރެވޭ ބައްޔެއް ނޫންކަމުން ބަލަން ޖެހެނީ ބަލި ކޮންޓްރޯލް ކުރެވޭތޯއެވެ. ހަކުރު ބަލީގެ ކޮންމެ ވައްތަރެއް ވިޔަސް ކޮންޓްރޯލް ކުރުމަށްޓަކައި ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެންނަށް ޖެހެއެވެ. އޭގެ ތެރޭގައި:-

  • އެކަށީގެންވާ މިންވަރަކަށް ކަސްރަތުކުރުން
  • ކެއުމަށް އެދެވޭ ބަދަލު ގެނައުން
  • ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން
  • ފިކުރު ބޮޑުކުރުމާއި، ހާސްކަމުން ދުރުހެލިވުން
  • ހަކުރުބަލީގެ ބޭސް ގަވައިދުން ކެއުން
  • ދުންފަތުގެ އިސްތިއުމާލު ނުކުރުން
  • ލޭމައްޗަށް ދިޔުމާއި ކޮލަސްޓްރޯލް މަތިވިޔަ ނުދީ ހިފެހެއްޓުން

ފަރުވާ:

ހަކުރު ބަލީގެ ފަރުވާތަކުގެ ތެރޭގައި ހިމެނެނީ ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމާއެކު އިންސިއުލިން ގަވައިދުން ޖެހުމާއި ގުޅަ ބޭސް ބޭނުން ކުރުމެވެ.