ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

އެ ޕާޓީން މީގެ ކުރިން ބުނީ، މި އަހަރު ނިމުމުގެ ކުރިން ރިޔާސީ ޕްރައިމަރީ ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާ ކަމަށް، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު މީގެ ކުރިން ވިދާޅުވިއެވެ

އޭނާ އޭރު ވިދާޅުވި ގޮތުގައި، ދެން އެންމެ އަވަހަށް ބާއްވާ އެމްޑީޕީގެ ގައުމީ ޖަލްސާގައި ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށްޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެއް ހޮވައި، ޗެއާޕާސަންގެ ލަފާގެ މަތިން ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދާނެއެވެ.

ނަމަވެސް، އެމްޑީޕީގެ އާ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް، އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު އިއުލާނުކުރާނެ ކަމަށެވެ. އިތުރު ތަފްސީލް ނުދެއްވައެވެ.

ބައެއް މީޑިއާގައިވާ ގޮތުން، އެމްޑީޕީގެ ޕްރައިމަރީ ފަސްކުރަނީ އަންނަ އަހަރު ބާއްވާ ގޮތަށެވެ.

އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވައިފައެވެ.

މި އަހަރު ނިމުމުގެ ކުރިން އެމްޑީޕީން ޕްރައިމަރީ ބާއްވާނެ ކަމަށް ބުނެފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް، އެ ކޯލިޝަނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ޔާމީނަށް ޓިކެޓް ދީފައި ވަނީ އިދިކޮޅުގެ ސެނެޓުގެ އިއްތިފާގުންނެވެ.