ޓްރާންސްޕޯޓް މިނިިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށް ކުރެވޭ ތުހުމަތުތުތައް ކަމާބެހޭ އިދާރާތަކުން ބެލުމަށް ފަހު ނޫނީ ގޮތެއް ނިންމުން ރަނގަޅު ނޫން ކަމަށް، އެމްއާރުއެމުން ބުނެފިއެވެ.

ޝިމާޒް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ސްލޮޓެއްގައެވެ.

ރޭ ނެރުނު ބަޔާނުގައި އެމްއާރުއެމުން ބުނީ، ޝިމާޒްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ މެދު އެ ޕާޓީން ކަންބޮޑުވާ ކަމަށާއި، އޭނާ އަށް ކުރެވޭ ތުހުމަތުތައް ކަމާބެހޭ އިދާރާތަކުން ތަހްގީގު ކުރުމަށް ފަހު މެނުވީ ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

ހަމަ އެއާއެކު، އެމްއާރުއެމްގެ އެތެރޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝިމާޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކޮށް، ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ޝިމާޒް މަގާމުން ވަކިކޮށްދިނުމަށް އެދި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައީސް އޮފީހަށް ސިޓީ އެއް ފޮނުއްވާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވެއެވެ. ނަމަވެސް "ދަ ޕްރެސް" އިން ގުޅުމުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، މިކަމާ ގުޅިގެން މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. އަދި "ދަ ޕްރެސް" އިން ޝިމާޒަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ވެސް ނުވެއެވެ.

ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ނަންބަރު ޕްލޭޓް، ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގައި ޝިމާޒް ހިމެނޭހެން 6 މީހެއްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ފޮނުވާފައި ވެއެވެ މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ހަދަން ވަސާޖިއޯ އާ ހަވާލުކުރި އިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާގެ މަގާމު އަދާކުރެއްވީ ޝިމާޒެވެ. ބިޑުގެ މަރުހަލާ ކުރިއަށް ދިޔައިރު، ވަސާޖިއޯގެ އިސްބޭފުޅަކާ ޝިމާޒް ބައްދަލުކުރި ކަމުގެ ތުހުމަތުތައް މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ކުރިއެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް އޭރު ދޮގު ކުރައްވާފައި ވެއެވެ.

ޝިމާޒް މަގާމުން ވަކިކޮށްދިނުމަށް އެދި ނަހުލާ ފޮނުއްވާފައިވާ ކަމަށް ބުނާ ސިޓީ އެއް ރައީސް އޮފީހަށް ލިބިފައިވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ އިއްޔެ ވިދާޅުވެފައެވެ. މިއުވާން ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ޖެހިއްޖެ ކަމަށް ވާނަމަ، އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެއެވެ.