ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބު ކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ، ނަސްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ އިބްރަތްތަކެއް ލިބިގެން ދާނެ ކަމަށެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް، މާތް ﷲގެ މަދަދާއި ނަސްރުން ކާމިޔާބު ދެއްވުންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަދި ނަސްރުގެ ދުވަހުން އަޅުގަނޑުމެނަށް ލިބޭ އަނެއް އިބުރަތަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެން ޖެހޭނެކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމުގެ ގާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުން ތަކަކަށް ގައުމު ބޭނުންވާ ކަމަށެވެ.

ރައީސްގެ ހިތާބުގައި އިތުރަށް ވިދާޅުވީ، ނަސްރުގެ ދުވަހުގެ ހަނދާންތައް އާކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަސްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެ ގޮތުގައި ސާބިތުވެ ތިބުމުގެ އަޒުމް އާކުރުން ކަމަށެވެ.

އަދި ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫހު މުޅި އަސްކަރިއްޔާގައި ދެމެހެއްޓުމަށް، ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުންވެސް މަސައްކަތް ކުރަން ޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިއަދަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، މާލެއަށް ދެވުނު އުދުވާނީ ހަމަލާއަށް 34 އަހަރު ފުރުނު ދުވަހެވެ. އެ އުދުވާނީ ހަމަލާގައި ދިވެހި ސިފައިންގެ 8 މީހަކާއި، އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.