މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅުގައި ހުރި މައުލޫމާތު ހާމަކުރުމަށް ގޮވާލައްވައި، ސަރުކާރުން ޗާގޯސް ރަށްތަކުގެ ބާރުވެރިކަން މޮރިޝަސް އަށް އޮތް ކަމަށް ސަރުކާރުން އެއްބަސްވެ ނެގި ސްޓޭންޑަށް އިދިކޮޅުގެ ވެރިކަމެއްގައި އިހްތިރާމް ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ޗާގޯސް ރަށްތަކުގެ މައްސަލައިގައި ރާއްޖޭން ގެންގުޅުނު ސްޓޭންޑް ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމުގެ ބިރު ހީވެފައި އެބައޮތް ކަމަށާއި، އިދިކޮޅުގެ ވެރިކަމެއްގައި މި ސަރުކާރުގެ ސްޓޭންޑް އަނބުރާ "ޖަހާނަން" ކަމަށެވެ.

"ﷲގެ ރަހުމަތާ އެކީ 2023 އަކީ ދިވެހި ރައްޔިތުންގެ އަހަރެއް ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެ ކަމަށް ވަންޏާ، ގާނޫނާ ހިލާފަށް، ގާނޫނުއަސާސީއާ ހިލާފަށް މިހާރު ސަރުކާރުން މި މައްސަލައިގައި ކޮށްގެން އުޅޭ ކަންތަކަށް އަޅުގަނޑު އިހުތިރާމެއް ނުކުރާނަން. އެކަން އަނބުރާ ޖަހާނަން."
އަބްދުالله ޔާމީން | އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވި ގޮތުގައި، މައްސަލަ ޖެހިގެން މި އުޅެނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ނެރޭ ކަނޑުގެ ސަރަހައްދަށް ފުށޫއަރާ ބައެއް، އިންޑިއާ ފަހަތުގައި އޮވެ، މޮރިޝަސްގެ އެދުމަށް ދޫކޮށްލާފައިވާތީއެވެ. އޭގެ އިތުރުން، ރައީސްގެ ސިޓީފުޅުގައިވާ މައުލޫމާތު ހާމަކުރުމަށް ވެސް ގޮވާލެއްވިއެވެ.

"ވިދާޅުވެދެއްވާ ސިޓީގަ އޮތީ ކޯއްޗެއްތޯ. އިމްރާން އަކަށް ބުނެއެއް ނުދެވޭނެ." ޔާމީން ވިދާޅުވިއެވެ

ހަމަ އެއާއެކު، އިނގިރޭސިވިލާތުގެ އިސްތިއުމާރުގެ ދަށުގައި އޮތް ޗާގޯސަކީ މޮރިޝަސްގެ ތަނެއް ކަމަށް ރާއްޖޭން ބަލައިގަތަސް، އިން ކަނޑައެޅުމުގެ މައްސަލަ އަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް، ބައެއް ފަރާތްތަކުން ވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެފައެވެ. ޔާމީންގެ ވެސް މިފަދަ ކަންބޮޑުވުންތައް އެބަ ހުއްޓެވެ.

އަދި މޮރިޝަސް އަށް ރައީސް އެފަދަ ސިޓީ އެއް ފޮނުއްވައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"ރުޅި އާދޭ މި މައްސަލަ މިގޮތަށް ނިންމީމަ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް. ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރެގެން އެ ފޮނުވި ސިޓީ އެއީ ފޮނުވޭނެ ސިޓީ އެއް ނޫން. އެ ސިޓީ އަށް އޮނާ ކުރާކަށް ވެސް ނުޖެހޭނެ. އެއީ ގާނޫނާ ހިލާފަށް، އޮންނަ އުސޫލުތަކާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ސިޓީއަކަށް އޮނާ އެއް ނުކުރެވޭނެ."
އަބްދުالله ޔާމީން | އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް

ޗާގޯސްގެ މައްސަލައިގައި ސަރުކާރުގެ ވިސްނުން ބަދަލުކުރުމާ ގުޅިގެން އިދިކޮޅާއި ސަރުކާރު ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ފާޑު ވިދާޅުވެފައިވެއެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި މިކަމުގައި އިންޑިއާގެ ނުފޫޒު އެބައޮތެވެ. ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ އިންޑިއާގެ ނުފޫޒު މިކަމުގައި އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ސަރުކާރުން ބުނީ، ސަރުކާރުގެ ވިސްނުން ބަދަލުކުރުމުގައި އެއްވެސް ގައުމެއްގެ ނުފޫޒު އެކަމުގައި ނެތް ކަމަށެވެ.

އެ މައްސަލައިގައި ސަރުކާރުގެ ނިންމުން ބަދަލުކުރުމަށް ގޮވާލައި، ގަރާރަކާއި ކުއްލި މައްސަލައެއް ވެސް މަޖިލިހަށް ހުށަހަޅާފައިވެއެވެ.