މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް ހާޒިރުކުރަން ނެރުނު އަމުރު، ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި އަރުޝަދު ހައްޔަރުކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިން ޖެނުއަރީ 31 ގައެވެ. ފުލުހުންގެ އެ އޮޕަރޭޝަންގައި އަރުޝަދު ހިމެނޭހެން ނުވަ މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން އަށް މީހަކަށް ދައުވާކޮށްފައިވެއެވެ. އެ އޮޕަރޭޝަންގައި ނުވަ ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

އެ މައްސަލައިގައި އަރުޝަދުގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ތުހުމަތުކުރި ނަމަވެސް، ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ މައްސަލައިގައި ހިމެނޭ ހަ މީހެއްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ. ބާކީ ދެ މީހުން ވަނީ ދޫކޮށްލައިފައެވެ.

ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން، އަރުޝަދު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް އެ ކޯޓުން އަމުރެއް ނެރުނީ މިދިޔަ ޖޫން 7 ގައެވެ. ނަމަވެސް އެ އަމުރު ނެރެފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ އަމުރަކީ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި، އަރުޝަދު ވަނީ ސުޕްރީމް ކޯޓުގައި ހައިކޯޓުގެ އަމުރު އިސްތިއުނާފުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުންތަކުގައި އަރުޝަދުގެ ފަރާތުން ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިިދާޅުވީ:

  • ފިލައިގެން ދިޔަ ކަމަށް ބުނި ނަމަވެސް، އަރުޝަދު ފުރާފައި ވަނީ އެއްވެސް ކޯޓެއްގައި މައްސަލަ އޮތްތޯ ބެލުމަށް ފަހުގައި ކަމަށް
  • އަރުޝަދު މިދިޔަ ޑިސެމްބަރުގައި ފުރައިގެން ދިޔަ ނަމަވެސް، އެއްވެސް ކޯޓެއްގައި އޭނާގެ ޝަރީއަތެއް ހިނގަމުން ނުދާ ކަމަށް، އެހެންވެ އޭނާ އަކީ ކޯޓަށް ފިލައިގެން އުޅޭ މީހެއް ކަމަށް ނުބުނެވޭނެ ކަމަށް

ރައްދުގައި ދައުލަތުން ބުނީ، މައްސަލަ ހައިކޯޓަށް ހުށަހެޅިއިރު ވެސް އަރުޝަދު ނެތްކަން ޔަގީން ވާތީ، އެއީ ރަނގަޅު އަމުރެއް ކަމަށެވެ. އެހެންކަމުން ދައުލަތުން އެދިފައި ވަނީ ހައިކޯޓުގެ އަމުރު ސައްހަ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، އަރުޝަދު ބަންދުކުރުމަށް އަމުރު ނެރުމުގެ ކުރިން، އޭނާ އަށް ރަށްދުވާ ފަދަ އަމުރެއް ނެރެފައި ނުވާ ކަމަށެވެ. އެހެންވެ، ހައިކޯޓަށް ހާޒިރުނުވި ކަމަށް ބަލައި، އަރުޝަދު ބަންދު ކުރަން ނުނެރެވޭނެ ކަމަށް މަހާޒް ވިދާޅުވިއެވެ.

މަހާޒްގެ ރައުޔުގައި ވާ ގޮތުން، ހައިކޯޓުން ކުރިން އަމުރެއް ނެރެފައި ނެތުމުން، އަރުޝަދު ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ނެތެވެ. އެ ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ހުސްނުއްސުއޫދާއި ޑރ. އަޒްމިރާލްދާ ޒާހިރު ތާއީދުކުރެއްވިއެވެ.

ހައިކޯޓުގެ ބަންދު އަމުރާ ގުޅިގެން އަރުޝަދު އެ ކޯޓަށް ހާޒިރުކުރުމުގެ ކުރިން އޭނާ ބަންދުން ދޫކޮށްލާފައިވާތީ، ހައި ކޯޓުން ވެސް އަމުރުކުރީ އޭނާ ދޫކޮށްލާށެވެ. އޭގެ ފަހުން އެހެން މައްސަލައެއްގައި ހައްޔަރުކުރި ނަމަވެސް، ހެކި ނެތް ކަމަށް ބުނެ ވަނީ ދޫކޮށްލާފައެވެ.