ޗާގޯސް ރަށްތަކުގެ ފުރަތަމަ ވަޒަންވެރިންނަކީ މޮރިޝަސްގެ ބައެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެ މީހުން މޮރިޝަސް އާ ގުޅެން ބޭނުން ނުވާ ކަމަށް ބުނެފިއެވެ.
އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމް ކޮށްފައިވާ ޗާގޯސް އައިލެންޑްސް މޮރިޝަސް އާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ރާއްޖޭން މޮރިޝަސް އާ ދެކޮޅަށް ވޯޓު ދީފައި ވެއެވެ. ސަބަބެއް ކަމަށް ރާއްޖޭން އޭރު ބުނީ، އެގޮތަށް ވޯޓު ދިނީ ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށް ވާތީއެވެ.
ނަމަވެސް މިހާރު ރާއްޖޭން ވަނީ އެ ދެކޮޅު ހެދުން ދޫކޮށް މޮރިޝަސް އަށް ތާއީދު ކޮށްފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.
ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ބައެއް ކަމަށް އައިސީޖޭން ނިންމި ނިންމުން ބަލައިނުގަންނަކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ޗާގޯސިއަން ވޮއިސަސްގެ ފަރާތުން ބުނީ، ޗާގޯސް ރަށްރަށުގެ ހަގީގީ ވަޒަންވެރިންނަކީ އެ މީހުން ކަމަށާއި، ގަދަކަމުން ބާލާފައިވާ ވަޒަންވެރިންނަށް އެ ރަށްތަކުގެ މިނިވަންކަމާ މެދު ގޮތް ނިންމުމުގެ ބާރު އޮންނަން ޖެހޭ ކަމަށެވެ.
"މޮރިޝަސް އާ ދެމެދު އޮތް ހަމައެކަނި ގުޅުމަކީ އަސްކަރީ ގުޅުމެއް، އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް އިރު އެ ރަށްތައް ހަވާލުކުރިކަން އެކަނި." އެމީހުން ނެރުނު ބަޔާނުގައި ބުނެއެވެ.
ހަމަ އެއާއެކު، ޗާގޯސްގެ ރަށްވެހިންގެ އަމިއްލަ ބަހުރުވައަކާއި ސަގާފަތެއް އެބައޮތް ކަމަށާއި، 200 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެ ރަށްތަކުގައި ވަޒަންވެރިވެގެން އުޅުނު ކަން ޗާގޯސީން ވަނީ ފާހަގަ ކޮށްފައެވެ.
އެހެންކަމުން، 2019 ގައި އައިސީޖޭން ނިންމި ނިންމުން ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ޗާގޯސީން ވަނީ ގޮވާލައިފައެވެ. ސަބަބަކީ އެ މީހުންނަށް މި މައްސަލައިގައި ބަސް ބުނުމުގެ އެއްވެސް ބާރެއް ލިބިފައި ނުވާތީ އާއި، މޮރިޝަސް އިން މައްސަލަ ހުށަހެޅި އިރު، އެ މީހުންނަކީ ޗާގޯސްގައި ދިރިއުޅުނު މޮރިޝަސްގެ ބައެއް ކަމަށް ބުނެފައި ވާތީ ކަމަށް، އެ ބަޔާނުގައި ވެއެވެ.
އަދި އިޓްލޮސްގައި ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގެ ސައްހަކަމާ މެދު ވެސް ޗާގޯސީން ވަނީ ސުވާލު އުފައްދައިފައެވެ.
ޗާގޯސީން ފޮނުވި ސިޓީ އިޓްލޮސް އިން ބަލައިގެންފައި ވާއިރު، އިޓްލޮސްގެ ޓްރައިބިއުނަލްގެ މެންބަރުން އެ ސިޓީ އާ މެދު ގޮތެއް ނިންމާނެ ކަމަށް އިޓްލޮސް އިން ވަނީ އަންގައިފައެވެ.