ގދ. ފަރެސްމާތޮޑާ، ބާހިރާ ދޯނިން 51 ޓަނުގެ މަސް ކިރާ، އެއް ދުވަހުން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މިފްކޯއިން ބުނީ، އެދޯނިން ކޫއްޑޫއަށް 51.9 ޓަނުގެ މަސް ކިރާފައިވާ ކަމަށެވެ. އެ ދޯނިން ކިރި މަަހަށް 882،674 ރުފިޔާ ލިބޭނެ ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.

ބާހިރާ ދޯނިން މީގެ ކުރިން ވެސް ވަނީ ގިނަ އަދަދުތަކުން މަސް ކިރާފައެވެ.

މިދިޔަ މަހު ގދ. މަޑަވެލީ ޓީއެސް ދޯނިން 57.152 ޓަނުގެ މަސް ކިރާ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ބޭނުމުގެ ރިކޯޑް ވަނީ މުގުރާލައިފައެވެ.

އެ ދޯނިން ކިރި މަަހަށް ލިބުނު އާމްދަނީ އަކީ 971،584 ރުފިޔާއެވެ.

އެ ދޯންޏަކީ މިދިޔަ އަހަރުވެސް އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސްކިރި ދޯނި ކަމަށާއި އެގޮތުން މިދިޔަ އަހަރު އެ ދޯނިން 1،095.805 ޓަނުގެ މަސް މިފްކޯއަށް ކިރާފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މީގެ ކުރިން އެ ދޯނިން ގިނަ އަދަދެއްގެ މަސް މިފްކޯއަށް ކިރާފައި ވާއިރު މިދިޔަ ޑިސެމްބަރު މަހުގައި އެ ދޯނިން 49.9 ޓަނު ކޫއްޑޫއަށް ކިރާފައި ވާއިރު މިދިޔަ ނޮވެމްބަރުމަހު ހަފްތާއެއްހާ ދުވަސް ތެރޭގައި އެދޯނިން 105 ޓަނުގެ މަސް ބޭނި ކަމަށް މައުލޫމާތުތައް ވެސް ވަނީ ލިބިފައެވެ.