ނޫސްވެރިންނަށް ފައިނޭންޝަލް ޖާނަލިޒަމް އާ ގުޅޭ ވޯކްޝޮޕެއް ހިންގުމަށް ބީއެމްއެލް އާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެމްއެމްސީން ބުނީ، އަންނަ މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ވޯކްޝޮޕަކީ އެ ކައުންސިލުން ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ބާއްވަން ހަމަޖައްސާފައި ވާ ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕްގައި ނޫސްވެރިންނަށް މައުލޫމާތު ދޭނީ މާލީ ދާއިރާގެ ފްނަނީ ތަޖުރިބާ ކާރުން ކަމަށް އެމްއެމްސީން ބުނެއެވެ.

އެގޮތުން ގިނަ އަހަރުތަކެއްގައި ފައިނޭންސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅުން މި ވޯކްޝޮޕްގައި ބައިވެރިވާނެ ކަމަށް އެމްއެމްސީން ބުނެއެވެ. މިއަދު ބީއެމްއެލް އާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން މީޑިއާގެ ފަންނުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މާލީ މަސްލަހަތު ހިމެނޭ ދާއިރާތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެމްއެމްސީން ބުނެއެވެ.

އެމްއެމްސީން ބުނީ މި ވޯކްޝޮޕްގައި ނޫސްވެރިންގެ އިތުރުން އެޑިޓަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. މި ވޯކްޝޮޕްގައި ބައިވެރުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްސީސީން ބުނެއެވެ.

ނޫސްވެރިން ތަމްރީން ކުރުމަށް އެމްއެމްސީން މިފަދަ އެކި ދާއިރާތަކާ ގުޅުން ހުރި މައުލޫމާތު ދިނުމަށާއި އެ ދާއިރާތަކުން ފެންވަރު ރަނގަޅު ހަބަރުތައް ގެނެސްދިނުމުގައި އެހީތެރިވުމަށް ދޭތެރެ ދޭތެރެއިން އަންނަނީ އެކި ވޯކްޝޮޕްތައް ހިންގަމުންނެވެ.