ސަރުކާރަށް ފާޑުކިޔަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކް ކުރި އިރު، އެ ވެބްސައިޓްތަކުގައި ޖަހަމުންދާ ކޮންޓެންޓާ ގުޅިގެން އެއްވެސް މައްސަލައެއް ހުށަނާޅާ ކަމަށާއި މިއީ ނޫސްވެރިކަމަށް އޮތް ނުރައްކަލެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. މި މައްސަލަގައި ސަރުކާރުން ބުނީ ރަޖިސްޓާ ކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ ވެބްސައިޓެއް ބްލޮކް ނުކުރާނެ ކަމަށެވެ.

މި ސައިޓްތައް ބްލޮކް ކޮށްފައިވާ އިރު، އެ ސައިޓުތަކުގައި އަންނަނީ މި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށް ތަފާތު އާޓިކަލްތައް ޝާއިއުކުރަމުންނެވެ. މި ސައިޓްތައް ބްލޮކް ކުރީ ރަޖިސްޓްރީ ނުކޮށް ހިންގާ ތަންތަން ކަމަށް ސަރުކާރުން ބުނި ނަމަވެސް، މި ކަން ކޮށްފައި ވަނީ ސަރުކާރަށް ފާޑުކިޔާ އާޓިކަލް ޝާއިއުކުރާތީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މި މައްސަލައާ ގުޅިގެން މިއަދު އެމްއެމްސީން ބުނީ، ރަޖިސްޓާ ނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓްތަކަކީ ވެސް "މީޑިއާ" ކަމަށް މީޑިއާ ކައުންސިލްގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާން ކުރާ ކަމަށެވެ. އަދި ބްލޮކް ކުރި ދެ ސައިޓްގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް އެ ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށް އެމްއެމްސީން ބުނެއެވެ. އަދި މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް ކަމަށާއި ނުރައްކަލެއް ކަމަށް އެމްއެމްސީން ބުނެއެވެ.

ދެ ސައިޓް ބްލޮކް ކުރި އިރު، ރާއްޖޭގައި ރަޖިސްޓާ ކޮށްގެން ހިންގާ "ފުރަތަމަ" ނަމަކަށް ކިޔާ ޏުހެއް ވެސް ބްލޮކް ކޮށްފައިވާ ކަމަށް ހަބަރުތައް އަންނަނީ ފެތުރެމުންނެވެ. ނަމަވެސް ފުރަތަމަ ނޫސް ބްލޮކް ކުރި ކަމާ ގުޅިގެން މިހާތަނަށް ސަރުކާރުގެ ބަހެއް ލިބިފައެއް ނުވެއެވެ.