ނޫސްވެރިކަމަކީ ވަރަށްބޮޑަށް އަދުލުވެރިކަމަށް ބޭނުންވާކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، މޯލްޑިވްސް މީޑިއާ ކައުންސިލާއި, ބްރޯޑް ކާސްޓިން ކޮމިޝަނާއި, ޝަހީބު މީޑިޔާ ގުޅިގެން ދެހަފްތާގެ މުއްދަތަށް ކުރިއަށްގެން ދިޔަ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ، އަދުލުވެރިކަމާނުލާ ނޫސްވެރިކަން ކުރެވިއްޖެނަމަ ކޮންމެވެސް ދުވަހަކުން އޭގެ ޒިންމާ އަމިއްލައަށް ނަންނަގަވަން ޖެހޭނެ ކަމަށެވެ. ސަރުކާރުން އޮތީ މީޑިއާ ތަންމިނަށް މިނިވަން ކޮށްގެން, ހުޅުވާލައިގެން ކަމަށާއި, ރަނގަޅަށް ބައްލަވައިފިނަމަ އެކަން ފެނިވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން މީޑިއާގެ މިނިވަންކަން ހަނި ނުކުރައްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އަޅުގަނޑުމެން ތިބެގެނެއް މީޑިއާ ހަންޏެއް ނުކުރާނަން. އެކަމަކު މީޑިޔާ ޒިންމާދާރުވުމަށް މީޑިޔާ އަދުލުވެރިވުމަށް, މީޑިއާ ރަނގަޅު ގޮތުގައި ބޭނުންކުރުން އެއީ ތިޔަބޭފުޅުންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދީނީ ޤައުމީ ބޮޑު ޒިންމާއެއް, ބޮޑު ވާޖިބެއް. އެކަން ފުރިހަމަގޮތުގައި ކޮށްދެއްވުމަކީ ތިޔަބޭފުޅުން ކޮށްދެއްވަންޖެހޭ ކަމެއް.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިމްރާން ވިދާޅުވީ ހުދު އެމަނިކުފާނަށް ނިސްބަތްކުރައްވާ މީޑިއާތަކުން ވެސް އެއްޗެހި ގޮވާ ކަމަށާއި, އެކަމަކު އިރާދަކުރެއްވިއްޔާ އެންމެ މީޑިއާއަކަށްވެސް އިސްވެ ފިޔަވަޅެއް ނާޅުއްވާނެ ކަމަށެވެ. ހަމަ މިނިވަންކަމާއެކު ކުރިއަށްގެންދަންވީކަމަށް އިމްރާން ވިދާޅުވިއެވެ. ސަރުކާރުން އިރާދަކުރެއްވިއްޔާ މީޑިއާއަށް މިނިވަންކަން ވާނީ ދީފައި ކަމަށާއި, ހެޔޮގޮތުގައި ބޭނުންކުރައްވާ, އެކަންތައް އެންމެ ރަނގަޅުގޮތުގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

މީގެކުރީގެ ސަރުކާރުތަކުންވެސް އަދި ފަހުން އަންނާނެ ސަރުކާރުތަކުން ވެސް މީޑިއަާއަށް ނުދޭހާ މިނިވަންކަމެއް މިއަދުގެ ސަރުކާރުން މިތިބީ ދީގެންކަމަށާއި, އެވަރުގެ މިނިވަންކަމެއް ސަރުކާރުން ދިނީމާ މީޑިއާތަކުން އޭގެ ޒާތުގައި ފުރުހަމަ ފައިމައްޗަށް ތެދުވެ މީޑިއާ ވަރުގަދަކުރުން އެއީ މީޑިޔާގެ އަހުލުވެރިންގެ ޒިންމާއެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ސަރުކާރުން ވާންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް, މިކަމަށްޓަކައި ހަދަންޖެހޭ ގާނޫނުތައް, އެކަށަ އަޅަންޖެހޭ ހަމަތައް އެކަށައަޅުއްވާކަމަށާއި, އެކަމަކު އަދިވެސް ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަކިކަމެއް ނުކުރިއްޔޭ ބުނެ ދޫކޮށްލާވަރަށްވުރެ ބޮޑަށް މީޑިޔާއަށް ބާރުތަކާ ފުރުސަތުތައް ސަރުކާރުން ދީފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގާ, އޭގެތެރެއިން މުޖުތަމައު ހަރާބުވެ, ފަސާދައަށް ދާބަޔަކަށް މީޑިޔާ ވެގެންނުވާނެ. މީޑިއާއަކީ ބިނާކޮށް, ސާބިތުކޮށް, މުޖުތަމައުގެ ރައްކާތެރިކަމާއި, މުޖުތަމައުގެ ހަމަޖެހުން ކަށަވަރުކުރުމުގައި އެންމެބޮޑު ޒިންމާއެއް އަދާކުރާ އެއްބަޔަކަށްވުން އެއީ އަޅުގަނޑުމެންގެ ގައުމުގެ ކުރިމަގަށް އޮތް ހަގީގީ ރަނގަޅަކީ. އެދިމާއަށް ދަތުރުކުރުން އެއީ ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު ވަރަށްބޮޑަށް އެދޭކަމެއް.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިމްރާން ވިދާޅުވީ، ނޫސްވެރިކަން އެންމެ ރަނގަޅަށް ހިންގުމަށް ބޭނުންވާ ފުރިހަމަ މާހައުލެއް ގާއިމްވެފައި އޮތުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައްވެސް ގަބޫލުކުރައްވާ ކަމަށާއި, އެކަން ގުޅިފައި އޮތީ މުޅިރާއްޖޭގެ ނިޒާމްގެ ތެރެއާކަމަށެވެ. ޑިމްކޮރެސީގެ ފުރިހަމަކަމާއި, ވަރުގަދަކަން ދައްކައިދެނީ އެނިޒާމްގެ ބާރުތަކުގައިހުރި ފުރިހަމަކަމަކާއި ވަރުގަދަކަމެއްގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެއަށް ވިސްނައިފިނަމަ އަޅުގަނޑުމެންގެ ޑިމޮކްރަސީގައި ހުރި ފުރިހަމަކަމާއި, ރަނގަޅުކަމާއި, މޮޅުކަމުގެ ޖަޖްމަންޓެއް އަޅުގަނޑުމެންނަށް މީޑިޔާއަށް ބަލައިގެން ކުރެވިދާނެ ކަމަށެވެ. އެކަމަކު އެކަން އޮތީ އަޅުގަނޑުމެން އެހާ އުފާކުރަންޖެހޭ ގޮތަކަށްނޫންކަމަށް އިމްރާން ވިދާޅުވިއެވެ.

ކުރިއަށް އޮތީ ސިޔާސީގޮތުން ހަލަބޮލި ދުވަސްތަކެއްކަން ފާހަގަކުރައްވާ އިމްރާން ވަނީ އަދުލުވެރިކަމާއި, ޒިންމާދާރުކަމާއެކުގައި މީޑިއާގެ މަސައްކަތްކުރެވި އަޅުގަނޑުމެންގެ ގައުމަށް އެންމެ ފައިދާވާގޮތަށް މައުލޫމާތުތައް ފޯރުކޮށްދެވި, އެކަންކަން ބައްޓަންކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ކޯސް ފުރިހަމަކުރި ބައިވެރިންނާ މުހާތަބުކުރައްވާ އިމްރާޏް ވިދާޅުވީ ރަނގަޅު ގޮތުގައި ކަމެއް ކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ އެކަމެއް ރަނގަޅު ދަސްކުރުން ކަމަށެވެ. ކޮންމެ ކަމެއް ކުރިޔަސް އެކަމެއް ރަނގަޅަށް ކުރެވޭނީ އެކަމެއް ދަސްކޮށްގެންކަން ފާހަގަކުރައްވާ މިނިސްޓަރު އެދިވަޑައިގެންނެވީ ކޯސް ނިންމި ބައިވެރިން ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކޮށްދެއްވުމަށެވެ.