ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ވެބްސައިޓްތަކުގައި އިޖްތިމާއި މިންގަނޑާ ހިލާފް ކޮންޓެންޓް ހިމަނައި، ކުޑަކުދިންގެ ޒާތީ މައުލޫމާތު ފަތުރާ އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ފަތުރާ ނަމަ އެ ވެބްސައިޓް ބްލޮކް ކުރަން އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އިން ބުނެފިއެވެ.
އެމްއެމްސީ އިން މިހެން ބުނެފައި ވަނީ، ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ "ދިޔަވަރު" ވެބްސައިޓުގައި ގިނަ އަދަދަކަށް ހަގީގަތާ ހިލާފް ހަބަރުތައް ފަތުރަމުންދާތީ އެކަމަށް ސަމާލުވުމަށް އަންގައި ނެރުނު ބަޔާނެއްގައެވެ.
އެމްއެމްސީ އިން ބުނީ، ރަޖިސްޓްރީ ނުކުރާ މީޑިއާތަކުން ހަގީގަތާ ހިލާފް ހަބަރުތައް ފަތުރަމުންދާ ކަމުގެ ޝަކުވާތައް އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް 77 ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. އެ ޝަކުވާތަކުގެ ތެރެއިން 63 މައްސަލައަކީ "ދިޔަވަރު" ވެބްސައިޓުގައި އާންމުކޮށްފައިވާ ލިޔުންތަކާއި ފޮޓޯތަކާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށް އެމްއެމްސީ އިން ބުނެއެވެ.
އެ ވެބްސައިޓާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާޓަކުގެ ތެރެއިން 61 މައްސަލަ ހުށަހަޅާފައި ވަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކަމަށް އެމްއެމްސީ އިން ބުނެއެވެ. އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެއް މައްސަލަ ހުށަހަޅާފައިވާ އިރު، މޯލްޑިވްސް މާކެޓިން ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އެއް ޝަކުވާ ވަނީ ހުށަަހަޅާފައި ކަމަށް ވެސް އެމްއެމްސީ އިން ބުނެއެވެ.
ލިބުނު ޝަކުވާތަކާ ގުޅިގެން ޝަކުވާ ކޮމިޓީން ކުރި ދިރާސާއިން އެނގުނު ގޮތުގައި އެ ވެބްސައިޓުގައި އާންމުކޮށްފައިވާ ކޮންޓެންޓަކީ މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވާއިދާއި މީޑިއާތަކުން އަމަލުކުރަންޖެހޭ އަހްލާގީ މިންގަނޑާ ހިލާފަށް ޝާއިއުކޮށްފައިވާ ލިޔުންތަކެއް ކަމަށް އެމްއެމްސީ އިން ބުނެއެވެ. މިފަދަ ލިޔުންތަކުގެ ސަބަބުން އާންމުންނަށް ހަގީގަތް އެންގުމުގެ ހައްގާއި، އަބުރު ރައްކާތެރިކުރުމުގެ ހައްގަށް އުނިކަން ލިބޭނެ ކަމެއްގެ ގޮތުގައި އެމްއެމްސީ އިން ފާހަގަ ކުރެއެވެ.
މިފަދަ ވެބްސައިޓްތަކަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ތަންތަން ކަމުން ޝަކުވާތައް ބެލުމުގައި އަމަލުކުރާ އާންމު އިޖުރާއަތްތަކަށް ވެސް އަމަލު ކުރެވޭ ގޮތެއް ނޯންނަ ކަމަށް އެމްއެމްސީން ބުނެއެވެ. އަދި ހަގީގަތާ ހިލާފް ހަބަރު ފަތުރާ ކޮންމެ ވެބްސައިޓެއް ބްލޮކް ކުރުމަކީ އެ މައްސަލަ އަށް ހައްލެއް ލިބިގެން ދާނެ ކަމެއް ގޮތުގައި ނުދެކޭ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އަޅައިފި ނަމަ ޕްރެސް މީޑިއަމް އިންޑެކްސްގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ދާނެ ކަމަށް ވެސް އެމްއެމްސީ އިން ބުނެއެވެ.
ނަމަވެސް މި މައްސަލަ ހައްލު ކުރުމަށް ހަގީގަތާ ހިލާފް ހަބަރު ފަތުރާ ނަމަ އެފަދަ ފަރާތްތަކުގެ މައްސަލަތައް އާންމުންގެ ސަމަލާުކަމަށް ގެންނާނެ ކަމަށް އެމްއެމްސީ އިން ބުނެއެވެ. ނަމަވެސް އިޖްތިމާއީ މިންގަނޑާ ހިލާފް ކޮންޓެންޓް ފެތުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ އާއި ކުޑަކުދިންގެ ޒާތީ މައުލޫމާތުތައް ފެތުރުން ފަދަ މައްސަލަތަކުގައި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ބްލޮކް ކުރުން ހިމަނައި އެކަމާ ގުޅޭ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް އެމްއެމްސީ އިން ބުނެއެވެ.