މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މީޑިއާ ކައުންސިލްގެ އާންމު މެންބަރެއްގެ މަގާމު ހުސްވެފައިވުމުގެ އިތުރުން މީޑިއާތައް ތަމްސީލުކުރާ މެންބަރެއްގެ މަގާމު އަންނަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ހުސްވާތީ އެ ދެމަގާމަށް ދެ މެންބަރުން އިންތިހާބު ކުރުމުގެ ގޮތުންނެވެ.

އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތައް ކަމަށް ޔޫތު މިނިސްޓްރީއިން ބުނެއެވެ. އަދި ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރު ކަމަށާއި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެކަން ޔޫތު މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

  1. ދިވެހި ރައްޔިތެއް ކަމުގައިވުން.
  2. އުމުރުން 18 އަހަރު ފުރިފައިވުން.
  3. އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  4. މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  5. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  6. ވޭތުވެދިޔަ 2 އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  7. ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  8. މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަހުލާގު ރަނގަޅު މީހެއް ކަމުގައިވުން.
  9. ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާ އެއްގައި އެމީހަކު ލިޔުނު އެއްޗަކާ ބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

އާންމު މެންބަރުން ކަނޑައެޅުމުގައި ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކޮށްފައިވާ ފަރާތްތަކާއި އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮކަން (ހާއްސަ ގޮތެއްގައި ކުޑަކުދިންނާއި އަންހެނުންނާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގައި) މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ޔޫތު މިނިސްޓްރީއިން ބުނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ވާދަކުރަން އެދޭ ފަރާތްތަކުން މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން މީޑިއާ ކައުންސިލްގެ އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް (ޕީޑީއެފް ފޯމެޓުގައި) ޔޫތު މިނިސްޓްރީގެ އީމެއިލްއަށް ހުށަހެޅުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.