'މަނިކޭ މަގޭ ހިތޭ' ލަވައިގެ ރީމޭކް އެއް ކިޔައިގެން ދުނިޔޭގެ ސަމާލުކަން ހުއްޓުނު ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ޑި ސިލްވާ ރާއްޖެއަށް ކުރާ ދަތުރުގައި އޭނާ އާ ބައްދަލު ކުރަން ބޭނުންވާ ފަރާތްތަކަށް ވީއައިޕީ ޓިކެޓް ވިއްކަން ފަށައިފިއެވެ.

ބައިސްކޯފުން އިންތިޒާމު ކޮށްގެން މި މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ “ޗަނާޗާ 2022" ޝޯ ގައި ޔޮހާނީ ބައިވެރިވާން ހަމަޖެހިފައިވާ އިރު ރޭގަނޑު ޝޯ އިން ޔޮހާނީއާ ބައްދަލު ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ދަނީ ވިއައިޕީ ޓިކެޓް ވިއްކަމުންނެވެ. މި ޓިކެޓް ވިއްކަން ހަމަޖެހިފައި ވަނީ 999 ރުފިޔާއަށް ކަމަށާއި މިހާރު ވެސް އެ ޝޯ އަށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ޓިކެޓް ބަދަލު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ބައިސްކޯފުން ބުނެއެވެ.

ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ޑި ސިލްވާ

ހުޅުމާލެ ޓްރެކް ދަނޑުގައި ބާއްވަން ހަމަޖެހިފައިވާ މި ޝޯ އަށް ވަންނަ ފަރާތްތަކަށް ހާއްސަ ޓީޝާޓެއް ދޭން ހަމަޖެހިފައިވާ އިރު، ވީއައިޕީ ޓިކެޓް ވިއްކަނީ ލިމިޓެޑް ކޮށް ކަމަށް ބައިސްކޯފުން ބުނެއެވެ. އެ ދުވަހުގެ ހަވީރު ޝޯ އަށް ހިލޭ ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށް ބައިސްކޯފުން ބުނެފައި ވާ އިރު، ޔޮހާނީ ބައިވެރިވާ ރޭގަނޑުގެ ޝޯގެ އާންމު ޓިކެޓުގެ އަގަކީ 150 ރުފިޔާއެވެ. އެ ޝޯ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ.

މި ޝޯގައި ރާއްޖޭގެ މަގުބޫލު ނުވަ ބޭންޑެއް ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސްކައި ރޮކް، ރެވިއޯ، އިކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، އަޗޭސިއާ، ސިންބޮލިކް ރިކޯޑްސް، ޑިޓިއުން ބޭންޑް، ފަސީ ލައިވް އަދި ހަންބަލް ބަކަރި ހިމެނެއެވެ. އަދި ރާއްޖޭގެ 80 އަށް ވުރެ ގިނަ ފަންނާނުން މި ޝޯ ގައި ބައިވެރިވާނެއެވެ.

މި ޝޯ ފުރަތަމަ ބާއްވަން ހަމަޖެއްސީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޝޯ އެއް ދުވަސް ފަސްކޮށްފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ދީނީ އިލްމުވެރިޔާ މުފްތީ މެންކުގެ ދަރުސް އެއް މާލޭގައި ބާއްވަން ހަމަޖެހިފައި ވާތީއެވެ.