އިންޓަނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާއަރުވާފައި ވާތީ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި ވަނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ މެންބަރު ގައުމެކެވެ. އިމްސޯ އުފައްދާފައި ވަނީ 1979 ވަނަ އަހަރު އައިއެމްއޯގެ އެހީތެރިކަމާއެކު އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.

އިމްސޯއިން ކުރާ މައިގަނޑު މަސައްކަތަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް) އާއި ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިން އޮފް ޝިޕްސް (އެލްއާރުއައިޓީ) ގެ އެންމެހާ ކަންކަން ކުރުމަށް މަގުފަހި ކުރުމެވެ. ޖީއެމްޑީއެސްއެސް އަދި އެލްއާރުއައިޓީ އަކީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމިއްޔާ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ މުއާހަދާއެއް ކަމުގައިވާ "އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) 1974" އިން އެ ކަންކަން މި މުއާހަދާގައި ބައިވެރިވާ ގައުމުތަކަށް ލާޒިމުކުރާ ކަމެކެވެ.

ރާއްޖެއަކީ ވެސް އައިއެމްއޯ އަދި ސޯލާސްގައި ބައިވެރިވެފައިވާ ގައުމެކެވެ. އަދި އިމްސޯގައި ބައިވެރިވުމަށް އައިއެމްއޯ މެންބަރު ސްޓޭޓް އޮޑިޓްގައި ވަނީ ލަފާ ދީފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.