ކުރީގެ ސިޔާސަތަށް ބަދަލު ގެނެސް، ޗާގޯސް އައިލެންޑްސް ގެ މައްސަލައިގައި ރާއްޖޭން މޮރިޝަސް އާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމި ސަބަބު ހޯދުމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން މަޖިލިހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، ގާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދު ބަޔާންކޮށްފައިވީ ހިނދު، އެ ސަރަހައްދަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވާ ގާނޫނަކުންކަން ބަޔާންކޮށްފައިވާ ކަމަށެވެ.

ނާޒިމްގެ ގަރާރުގައިވާ ގޮތުން، ޗާގޯސްގެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުވިކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް އެންގެވި ނަމަވެސް މަޖިލިހަށް އަންގަވާފައި ނުވެއެވެ. އަދި އެކަމާ ގުޅިގެން ހިނގި އެއްވެސް މަޝްވަރާގެ ތަފްސީލެއް ވެސް މަޖިލިހާ ހިއްސާކުރައްވާފައެއް ނުވެއެވެ.

އެ ނިންމުމަކީ ރާއްޖޭގެ ސަރަހައްދަށް ބަދަލުތަކެއް އަންނާނެ ނިންމުމެއް ކަމަށްވާއިރު، ގާނޫނުއަސާސީގައިވާ ގޮތުން ދައުލަތުން މުއާހަދާތަކަށް އަމަލުކުރަން ވާނީ މަޖިލިހަށް ހުށަހަޅައިގެން އެ މަޖިލިހުން ފާސްކުރުމަށް ފަހު ނިންމާ ގޮތެއްގެ މަތިން ކަމަށް ވެސް ގަރާރުގައިވެއެވެ. ނަމަވެސް ސަރުކާރުން އެ ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާ ކަމަށާއި، ޗާގޯސް މައްސަލައަކީ އިގްތިސޯދީ އަދި ގާނޫނީ ކަންކަން ގުޅިގައިވާ މައްސަލައަކަށްވާއިރު، އެ ހުރިހާ ކަމެއް ހިމަނައިގެން ސަރުކާރުގެ ތެރޭގައި މަޝްވަރާކުރިކަން އެނގެން ނެތް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

އެ މައްސަލައިގައި މީޑިއާއިން ބަންޑާރަނައިބުގެ އޮފީހަށް ކުރިމަތިކުރާ ސުވާލުތަކުން ރެކުމުގެ ގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ނިވާފަތްގަނޑަކަށް ބޭނުންކުރާ ކަމަށް ނާޒިމް ތުހުމަތު ކުރައްވައެވެ.

އެ ގަރާރުގައި ނާޒިމް އިތުރަށް ވިދާޅުވީ؛

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމަކީ، ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ކުރިއަށް އޮތް ޖީލުތަކަށް ގެއްލޭނެ ކަމެއް ކަމަށް
  • ރާއްޖޭގެ ކަނޑުން ބައެއް ގެއްލުމުން މަސްވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް
  • ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މަސްވެރި މުޖުތަމައެއް އޮތް ބަޔަކަށް ކަނޑުގެ ސަރަހައްދު ބެހުމުގައި އިސްކަން ލިބެން ޖެހޭނެ ކަމަށް

ނާޒިމް ވިދާޅުވި ގޮތުގައި އެ ކަންކަމަށް ވަކާލާތު ކުރެވޭނީ، ރާއްޖޭން ކުރިން ގެންގުޅުނު ސިޔާސަތުތައް ހިފަހައްޓައިގެންނެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާ އެކު ރާއްޖޭގެ ސަރަހައްދުން ބައެއް ބީވެގެން ނުދާނެ ނަތީޖާ އެއް ނެރުމަށްޓަކައި ހުށަހަޅާ މައިގަނޑު ހުށަހެޅުން ބިނާކުރާނެ ހުށަހެޅުމެއް ސަރުކާރަށް ހޯދިފައިނުވާ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ. އެހެންވެ، ނާޒިމް ގޮވާލައްވާފައި ވަނީ:

  • މަޖިލިހުގެ ހާއްސަ ކޮމިޓީ އަކުން ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުމަށް
  • އެ މައްސަލައިގެ ތެރެއަށް ފައިސާގެ ނުފޫޒު ނުވަންނަކަން ކަށަވަރުކުރުމަށް
  • އެ ސިޔާސަތު ބަދަލުކޮށްފައި ވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީން ކުރުމަށް
  • ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން ރާއްޖެ އަށް ވާނެ ގެއްލުމާއި ފައިދާ ބަޔާންކޮށް ރައްޔިތުންނަށް އަންގައިދިނުމަށް

ޗާގޯސް އައިލެންޑްސްގެ މައްސަލަ ގޮސްފައިވާ ހިސާބު

މިދިޔަ ބުރާސްފަތި ދުވަހު ޓްރައިބިއުނަލްގައި އޮތް އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވަނީ ރާއްޖޭގެ ނިންމުން ބަދަލުކޮށް، މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭން ނިންމިކަން ހާމަކުރައްވާފައެވެ. ރިފްއަތު ވިދާޅުވީ، ރާއްޖޭން އެގޮތަށް ނިންމިކަން ހާމަކޮށް މިދިޔަ އޮގަސްޓް މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ސިޓީފުޅެއް ފޮނުވާފައިވާ ކަމަށެވެ

ރާއްޖޭގެ ނިންމުމަށް މޮރިޝަސް އިން މަރުހަބާ ކިޔާފައިވާ ކަމަށާއި، ރާއްޖޭން އުންމީދު ކުރަނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ ބޮޑުކުރަން ހުށަހެޅި ހުށަހެޅުމާއި މޮރިޝަސް އިން ހުށަހެޅި އިއުތިރާޒު އަނބުރާ ގެންދިއުން ކަމަށް، ރިފްއަތު ވިދާޅުވިއެވެ.

މީގެ ކުރިން އެ މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް ރާއްޖޭން ބުނި ނަމަވެސް، ޓްރައިބިއުނަލުން ވަނީ އެ މައްސަލަ ބެލޭނެ ކަމަށް ފަހުން ނިންމާފައެވެ.

ޗާގޯސް އަކީ އައްޑޫ ސިޓީ އާއި ދުރު ނޫން ސަރަހައްދެއްގައި އޮންނަ މޮރިޝަސްގެ ޖަޒީރާ ރަށެކެވެ. ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ކަނޑުތަކާއި ބެހޭ ބައިނަލްއަގުވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން) ގެ ދަށުން ރާއްޖޭން ވަނީ 2010 ގައި އދ. އަށް ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ އިންތައް ހުށަހަޅާފައެވެ. މި ހުށަހެޅުން އދ. އަށް ފޮނުވުމާ ގުޅިގެން މޮރިޝަސް އިން ވަނީ އެ ހުށަހެޅުމާ ދެކޮޅު ހަދާކަން އަންގާފައެވެ.

އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމް ކޮށްފައިވާ ޗާގޯސް އައިލެންޑްސް މޮރިޝަސް އާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖޭން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓުލީ ހަ ގައުމުގެ ތެރޭގައި ހިމެނިފައެވެ. ރާއްޖޭން މޮރިޝަސް އާ ދެކޮޅަށް ވޯޓު ދިނީ ސަރަހައްދީ އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށް ރާއްޖޭން އޭރު ބުންޏެވެ.