ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީއިން ބުނީ، ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޤަޟިއްޔާގެ އަޑުއެހުންތައް ޖިނާއީ އިޖުރާތުގެ ގާނޫނުގެ 139 ވަނަ މާއްދާ އަދި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގެ 122 އަދި 123 ވަނަ މާއްދާތަކުގައި ބަޔާންކޮށްފައިވާގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި އިސް މެޖިސްޓްރޭޓް ފަތުހުﷲ ފަރުވާކުޑަކޮށްފައިވާ ކަމަށެވެ.
މި މިމައްސަލަ ބަލަން ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 73 ވަނަ ޖަލްސާއިން ކަމަށް ޖޭއެސްސީން ބުނެއެވެ. އެއީ މިމަހު 19 ވަނަ ދުވަހު ބޭއްވި ޖަލްސާއެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީން އަންނަނީ މިފަދަ ގިނަ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންނެވެ.
މި ސަރުކާރު އައި ފަހުން ޖޭއެސްސީން ފަނޑިޔާރުންގެ އެކި ކަހަލަ މައްސަލަތައް ބަލަމުން އަންނަ އިރު ބައެއް ފަނޑިޔާރުންގެ ފަރާތުން ގިނަ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.
ހަމައެއާއެކު ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއް ނެތި، ގާނޫނުއަސާސީއާއިި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ފަނޑިޔާރުންގެ މައްސަލަަތައް ބަލަމުންދާނެ ކަމަށެވެ.