ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު، މި ސަރުކާރުން ޒުވާނުން ބިނާކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޒުވާނުންގެ ދުވަހާ ގުޅުވައި، މިނިސްޓަރު ވަނީ މި ވެރިކަމުގައި ޒުވާނުން ބިނާކުރުމާއި ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރި ބައެއް ކަންކަން ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • 15،000 ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީ ހެދުމުގެ ފުރުސަތު ދިނުން
  • ކުދި ފަންތި އާއި މެދު ފަންތީގެ ވިޔަފާރިތަކަށް 474 މިލިއަން ރުފިޔާގެ ލޯނު ދޫކުރުން
  • ކުޅިވަރުން މެޑަލްތައް ހޯދައިދިނުން
  • 20،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ހިލޭ ޑިގްރީ އާއި ސްކޯލާޝިޕްގެ ފުރުސަތުތަކުގެ އިތުރުން، އެސްއެމްއީ ލޯނުތައް ތައާރަފްކޮށް ކުޅިވަރު ވަސީލަތްތައް ގާއިމްކޮށްފައި ވަނީ ރަނގަޅު ޖީލެއް ބިނާކޮށް، ޒުވާނުންނަށް އުފާވެރި މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުންނެވެ.