ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ގައުމީ ސާފިން ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް އެއްބަސްވެއްޖެއެވެ.

ބީއެމްއެލް އިން ބުނީ، އެ ޕާޓްނާޝިޕްގެ ދަށުން، ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕަށް އެހީވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ، ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މޯލްޑިވްސް ސާފިން އެސޯސިއޭޝަނަށް އެހީތެރިވުމަށް އެއްބަސްވެވޭ ކަމީ ލިބޭ ފަހުރެއް ކަމަށެވެ. ރާއްޖޭގެ ރާޅާއެޅުންތެރިންގެ ހުނަރާއި ހޯދަމުންދާ ކާމިޔާބީއަކީ އެންމެންނަށް ވެސް ފާހަގަކުރެވޭ ކަމެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ދަށުން އެ ކުންފުނިން އުންމީދު ކުރަނީ މި ކުޅިވަރު ކުރިއެރުވުމާއި ޒުވާން އެތްލީޓުންގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި އެހީތެރިކަން ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަނީ ގައުމީ ފުޓްބޯޅަ، ސްވިމިންގެ އަދި ޓެނިސް އާއެކު ޕާޓްނާޝިޕް ގާއިމް ކޮށްފައެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ދާދިފަހުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މޮޅު އެތްލީޓުންނަށް ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.