އިންޑިއާ އިން ފިޔައާއި އަލުވި ކޮޅެއް ލިބޭތީ ކުޑަކަކޫ މައްޗަށް ތިރިވާން ނުޖެހޭ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރީގެ ރައީސް އަބްދުﷲ ފާޑުވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ، ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ހއ. ކެލާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދަޅުވީ، އެމްޑީޕީގެ ވަޒީރުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން، ފިޔާކޮޅަކާއި އަލުވީގެ ވާހަކަ ދައްކާފައި ދިވެހިންގެ އިސްތިގުލާލާ އެޅުވުމަކީ ހުތުރު ކަމެއް ކަމަށެވެ.
އިންޑިއާއިން އިމްޕޯޓްކުރާ ތަކެތި ދުނިޔޭގެ އެހެން ދިމަދިމާލުން ވެސް ހޯދޭނެ ކަމަށާއި ދިވެހިން ތިބީ އެކަން ނުކުރެވޭ ވަރުގެ ނާގާބިލު ހާލަތެއްގައި ނޫން ކަމަށް ޔާމީން ވިދާޅުވެއެވެ.
ޔާމީން ވަނީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަނުގައި ތިބި ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ.
މިގޮތުން އިންޑިއާ ސިފައިންނާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާ ޔާމިން ވިދާޅުވީ ބަޑިހިފައިގެން އިންޑިއާ ސިފައިން ފޯރިމަރަން އުޅޭތަން ސިޔާސީ ލީޑަރުންނަށް ނުފެނިދާނެ ކަމަށެވެ. ނަމަވެސް އެވާހަކަ އެމަނިކުފާނު ދައްކަވަނީ އެކަން އެނގިވަޑައިގަންނަވާތީ ކަމަށް ޔާމިން ވިދާޅުވިއެވެ. އަދި ޔާމީން ވަނީ ޖެޕީގެ ލިޑަރު ގާސިމް އިބްރާހިމަށްވެސް އެ ކަމުގައި ފާޑުވިދާޅުވެ، އެއީ އަދި އެއްގޮތަކަށްވެސް އިންޑިއާ ސިފައިން ފެނިވަޑައިނުގަންނަވާނެ ބޭފުޅެއް ކަމަށް ވިދާޅުވާ މޭރުމުން ވާހަކަ ދައްކަވާފައެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އިންޑިއާ އާ އެކު ހަދާފައިވާ އެއްބަސްވުންތައް ފެނިވަޑައިގެންނެވި ކަމަށާއި، އޭގައި ހުރި މާއްދާތަކަށް ބަލާ އިރު، ރާއްޖެއަށް ނުގެނެވޭނެ ހަތިޔާރެއް ނެތް ކަމަށާއި، އެމީހުން ބޭނުން ނަމަ ބަރު ހަތިޔާރާއި އެނޫންވެސް ކޮންމެ ހަޔިޔާރެއް ގެނެވިދާނެ ކަމަށެވެ. އިތުރަށް އޭނާ ވަނީ، އެއީ ދޮގުނަމަ އެ އެގްރިމަންޓްތަކާ ގުޅޭގޮތުން ޖަވާބުދާރީ ވާން ސަރުކާރަށް ނުކެރިގެން އުޅެނީ ކީއްވެތޯ އައްސަވާ ގޮންޖައްސަވާފައެވެ.
ޔާމީން އުތުރަށް ކުރައްވާ ދަތުރުފުޅުގައި ތަކުރާރު ކުރައްވާ ވިދާޅުވާ އެއްވާހަކަ އަކީ، އިންޑިއާ އައުޓް ޓީޝާޓު ތުރުކުރައްވައިގެން ނޫޅުވި ނަމަވެސް "އިންޑިއާ އައުޓް" ހިތްޕުޅުގައި ބިންވަޅުކަނޑާ ނަގާފައި ވާ ކަމަށެވެ.