ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ 'ޕިންކް ރިބަން ރަން-ވޯކް' އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލް އިން ބުނީ، 'ޕިންކް ރިބަން ރަން-ވޯކް' މިއަދު ހުޅުމާލޭގެ އިތުރުން 33 ރަށެއްގައި ބާއްވާފައިވާ ކަމަށެވެ.

ސީއެސްއެމް އިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލް އިން އެ ޖަމިއްޔާއަށް 150،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ފާފު އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިން ޕްރޮގްރާމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ، މި ޕާޓްނާޝިޕް ގެ ދަށުން ސީއެސްއެމް އިން ބީއެމްއެލްގެ މުވައްޒަފުންނަށް ހިލޭ ކެންސަރު ސްކްރީން ޕްރޮގްރާމެއް ބާއްވާފައިވާ ކަމަށެވެ.

2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.