ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް އިން ދިވެހިރާއްޖެ އިސްތިހާރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ އޭޓީއެމް 2025 ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި އެމިރޭޓްސް އެއާލައިންއާ ދެމެދު އެމްއޯޔޫ އެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެމްއޯޔޫގެ ދަށުން އެމިރޭޓްސްއިން އެ ކުންފުނީގެ މުޅި ވިއުގައިގައި ދިވެހިރާއްޖެ އިސްތިހާރުކުރުމާއ،ި ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ އިތުރުން އެމްއެމްޕީއާރްސީއާއެކު ގުޅިގެން ޕްރޮމޯޝަންތައް ހިންގުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އާއި އެމިރޭޓްސް ގްރޫޕްގެ ޗެއާމަން އަދި ޗީފްއެގްޒެކެޓިވް އަހްމަދު ބިން ސައީދު އަލް މަކްތޫމް އާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި އެމިރޭޓްސްއާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ދެމެދު އޮތް ރަޙްހުމަތްތެރިކަން ފާހަގަކުރައްވާ މިނިސްޓަރު ތޯރިގު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވަނީ ކޮވިޑް 19 ގެ ސަބަބުން ބޯޑަރު ބަންދުކުރަންޖެހި އަލުން ހުޅުވުމަށްފަހު އެމިރޭޓްސްގެ ހިދުމަތްތައް އަލުން ފެށި ބާރު ދުވެލި ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމިރޭޓްސް އިން ވަނީ 1987 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ކުރަން ފަށާފައެވެ. ރާއްޖެއަށް އެންމެ ގިނައިން ދަތުރުކުރާ އެއް އެއާލައިންގެ ގޮތުގައި އެމިރޭޓްސް ފާހަގަކުރެވޭއިރު މި އެއާލައިންއިން ވަނީ 2024 ވަނައަހަރު 339,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނެސްފައެވެ. އަދި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައިވެސް އެ އެއާލައިން އިން ވަނީ 91,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނެސްފައެވެ.

އެެމިރޭޓްސްއިން ދުވާލަކު 5 ފްލައިޓް މިހާރުވެސް މާލެއަށް ދަތުރުކުރާއިރު ޓޫރިޒަމް މިނިސްޓްރީން ބުނީ އެމިރޭޓްސް އިން ދަނީ މޯލްޑިވިއަން އާއެކު ހަދާފައިވާ ޕާޓްނާޝިޕެއްގެ ދަށުން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ވިއުގަ ތަރައްގީކުރުމަށް އެހީތެރިވެދެމުންނެވެ.