ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުއްދަނެތި އިންވެސްޓްމަންޓް ޕްރޮޑަކްޓުތައް ވިއްކާ ފަރާތްތަކާ މެދު ސަމާލުވެ ރިޕޯޓުކުރުމަށް އެ އޮތޯރިޓީ އިން އިލްތިމާސް ކޮށްފިއެވެ.
ސީއެމްޑީއޭ އިން ބުނީ ފައިސާ އިންވެސްޓު ކޮށްގެން ފައިދާ ލިބޭނެކަމަށް ދައްކައިގެން ހިންގާ އިންވެސްޓްމަންޓް ޕްރޮޑަކްޓުތަކާއި ހިދުމަތްތަކަށް ހޯދަން ޖެހޭ ރެޖިސްޓްރޭޝަންތައް ހޯދުމެއްނެތި އެފަދަ ތަކެތި ވިއްކަމުންދާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާއި ބެހޭ ގަވައިދުގެ ދަށުން މިއީ ހުއްދަ ލިބިގެން ކުރަން ޖެހޭ މުއާމަލާތްތަކެއްކަން ފާހަގަކުރަމުން ސީއެމްޑީއޭ އިން ބުނީ އެކިއެކި މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ ސްކީމްތަކުގައި ބައިވެރިވުމަށް ލިބޭ ދައުވަތުތަކާމެދު ސަމާލުވާން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން ސީއެމްޑީއޭ އިން ބުނީ އެ އޮތޯރިޓީގައި ރެޖިސްޓާ ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި ހުއްދަނެތި މިފަދަ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހުއްދަ ނެތި ކުރަމުންދާ މިފަދަ އިންވެސްޓްމަންޓް ސްކީމްތަކުގެ ޒަރިއްޔާއިން ގިނަ އަދަދެއްގެ މީހުންނަށް ވަނީ އެމީހުން އިންވެސްޓު ކުރި ފައިސާ ގެއްލިފައެވެ.
ތަފާތު ދާއިރާތަކުންނާއި ގޮތްގޮތުން ސްކޭމްތައް އިތުރުވެފައިވާއިރު ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން އަންނަނީ ސަމާލުވުމަށް އެދެމުންނެވެ. އެގޮތުން މައުލޫމާތު ރަނގަޅަށް ސާފުކުރުމަށްފަހު ނޫނީ ސްކީމްތަކުގައި ބައިވެރިނުވުމަށާއި ލިންކުތަކަށް ނޯބުމަށްވެސް އަންނަނީ އިރުޝާދުތައް ދެމުންނެވެ.